އިބްރާހިމް ފަހީމް   29 ނޮވެމްބަރު 2022 - 7:4
ފީފާ ވޯލްޑްކަޕްގައި މިރޭ އުރުގުއޭއާއި ޕޯޗުގަލް ބައްދަލުކުރި މެޗު ޕޯޗްގަލް އިން ކާމިޔާބު ކޮށްފިއެވެ.

މިރޭގެ މެޗު ފެށިގެން ދެ ޓީމުންވެސް ދައްކަމުން ދިޔައީ ދާދި އެއްވަރެއްގެ ކުޅުމެކެވެ. ޕޯޗުގަލްގެ ރޮނާލްޑޯއަށްވެސް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާއެއް ގޯލާދިމާއަށް ފޮނުވާލެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ޕޯޗުގަލްއިން ވަނީ ގޯލެއް ޖަހާ ލީޑު ނަގާފައެވެ. ގޯލް ޖަހައިދިނީ 54 ވަނަ މިނެޓުގައި ފެނާންޑޭޒްއެވެ.

އެ ގޯލް ޖެހީ އުރުގުއޭ އިން ވެސް ވަރަށް ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފައްދަމުން ދިޔަ ވަގުތެއްގައެވެ. ގޯލަށް ފަހުވެސް، އުރުގުއޭ އިން ދިޔައީ ގޯލަށް ނުރައްކާ ކުރަމުންނެވެ. ހާއްސަކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލުއިޒް ޝުއަރޭޒްގެ ހަމަލާތައް ފާހަގަ ކޮށްލެވުނެވެ.

އުރުގުއޭގެ ހިތްވަރު އެލުވާލީ، ގޯލް އޭރިއާ ތެރޭން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ވީއޭއާރުން ދެއްކުމުން، ޕޯޗުގަލްއަށް ޕެނަލްޓީއެއް ދިން ހިސާބުންނެވެ.

ފަސޭހަކަމާއެކު ޕެނަލްޓީ ކާމިޔާބު ކޮށްދީ ޕޯޗުގަލްގެ ލީޑު ފުޅާ ކޮށްދިނީ، މެޗުގެ ފުރަތަމަ ގޯލްވެސް ޖަހައިދިން ފެނާންޑޭޒްއެވެ.

މެޗު ނިމިގެން ދިޔައީ 2 - 0 އިން ޕޯޗުގަލް މޮޅުވެގެނެވެ.

މި ނަތީޖާއާއިއެކު ޕޯޗުގަލް މިވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އުރުގުއޭއަށްވެސް އަދި މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. މުބާރާތުން ކުރިއަށްދާން ބޭނުންނަމަ އުރުގުއޭ އިން ޖެހޭނީ ގާނާއާއިއެކު ކުޅޭ މެޗުން މޮޅުވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން