ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދޭން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވާ އާރުލާ އެއްވެސް ސަބަބެއް މިހާތަނަށް ދެއްކިފައެއް ނުވެއެވެ. ހަމައެކަނި ސަބަބެއްކަމަށް ދައްކާ ވާހަކައިގައި ހުރީ އިދިކޮޅުން ދައްކާފަދަ ސިޔާސީ ވާހަކަ ތަކެވެ. ބަޖެޓް ބޮޑު ވާހަކައާއި ދަރަނި ބޮޑު ވާހަކައެވެ. ދެން އައްޑޫ ސިޓީގައި ކަމެއް ނުހިނގާ ވާހަކައެވެ. އެމްއެމްޕީއާރްސީ މައްސަލަ ނުބަލާ ވާހަކައެވެ. ބަޖެޓަށްވުރެ ބޮޑުކޮށް ހަރަދުކުރި ވާހަކައެވެ. ދެން އެންމެ ފަހުން ގޮސް ދެއްކީ ސިޔާސީ މަގާމުތަކުގެ ވާހަކައެވެ. މިވާހަކަތައް ދެއްކުމުގައި ނަގައި ކިޔުއްވަނީ ނޫނީ އިސްކޮށް ހުންނަވަނީ އެމްޑީޕީގެ ރޫޙާނީ ލީޑަރުކަމަށް ބައެއް މެމްބަރުން ގަބޫލުކުރާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. ވެރިކަމުގައި ހުންނެވީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ރަތްލާޖެހި އެމްޑީޕީގެ މެމްބަރު ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ސޯލިހެވެ. ތާރީޚުދައްކާގޮތުން މިއީ ފުރަ މާލެއިން ރާއްޖޭގެ ވެރިކަން ބޭރުވެ، ނުވަތަ ރާއްޖެތެރެއަށް ރާއްޖޭގެ ވެރިކަން ދިޔަ ފުރަތަމަ ފަހަރެވެ. މިދެންނެވި ފުރަ މާލޭގެ ވަކި އާއިލާއަކަށް އެމްޑީޕީގެ މަތިފަޑި ނިސްބަތްވި ނަމަވެސް އަދި އެޕާޓީގެ ވެރިކަން ހިސޯރުކުރަށްވައިގެން އެއާލާއަށް ނިސްބަތްވާ ބޭފުޅަކު ހުންނެވި ނަމަވެސް އެމްޑީޕީގެ ލިޔެވިފައިވާ އަސާސީ ބުނާ ގޮތުން މިދެންނެވި ރައީސް އިބްރާހީމަކީ މިހާރު އެމްޑީޕީގެ އެންމެ އިސް ލީޑަރެެވެ.

ނަޝީދާ ރައީސް ސޯލިހަކީ ޅައިރުގެ ދެ އެކުވެރިންނެވެ. ކައިވެނީގެ ގުޅުމުގެ ގޮތުން އާއިލީ ގާތްކަމެއްވެސް އުފެދިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކު ވެރިކަމަށްވަޑައިގެން ފުރިހަމަ ދެ އަހަރު ނުވަނީސް ދެ އެކުވެރިންވަނީ ދެ ހަތުރުންނަށް ބަދަލުވެފައެވެ. އެހެންވީ އެންމެ ބޮޑު ސަބަބަކީ ހަމަ ވެރިކަމުގެ ބާރުތަކުގެ ސަބަބުންނެވެ. ވެރިކަމުގެ ދަހިވެތި ކަމުގައެވެ. އެނޫން އެހެން އެއްވެސް ކަމެއް ފެންނާކަށްވެސް އަދި ދެއްކޭކަށްވެސް ނެތެވެ.

މިހަތުރުވެރިކަން ފުރަތަމަ ފެށުނީ ނަޝީދު ބޮޑުވަޒީދުކަމަށް ފައިންޕުޅު ނެންގެވި ހިސާބުންނެވެ. ނަޝީދަށް އެއްދުވަހަކު ހެނދުނު ހޭފުޅު ލެއްވުނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނަސްގެން އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަންނަވާތީ ހުވަފެން ފުޅަކުން ފެނިވަޑައިގެންނެވެ. ނަޝީދަށް ފެނިވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކޮށްގެން ބޮޑުވަޒީރުކަމަށް ވަޑައިގެން ގައުމުގެ ވެރިކަން ކުރެއްވިދާނެ ފޯމިއުލާއެކެވެ. އެހެންވީމާ އެމަގުން ވެރިކަން ހޯއްދަވަން ފަސޭހަފުޅު ވާނެކަމަށް ފެނިވަޑައިގަތީއެވެ.

ދެން އެމަގުން އެކަން ގެންދިއުމަށް މަސައްކަތް ފެއްޓިވީއެވެ. ނަމަވެސް ރައީސް ސޯލިހު އެމަގަށް އެއްބަސްވެވަޑައި ނުގެންނެވުމުން އެދެމެދުގައި ބޮޑު ހަތުރުވެރިކަމެއް އުފެދުނީއެވެ. މިހާހިސާބުން ނަޝީދަށް ތާއީދުކުރާ ޕާޓީގެ ބަޔަކާއެކީ ރައީސް ސޯލިހާ ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގެންނެވީއެވެ.

ދެން ފެނިގެންދިޔައީ ޕާޓީ ދެބައިވެ ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދުނު ތަނެވެ. އެހާތަނުން ދެން މިވީ ބޮޑު ދެގެރި ތަޅަންޏާ ކައްގަލަށް ބާރު ކުރާނެޔޭ ބުނާ ގޮތަށެވެ. ނަޝީދުގެ ފަހަތްޕުޅުން ނަޝީދުގެ ފެކްޝަންގެ މެމްބަރުން ނުކުމެ ހަމަ އެއްލަވައެއް ކިޔައި އެއްގޮތަކަށް ނަށަންފެށީއެވެ. ރައްޓެހި ކަމެއް، ގާތްތިމާގެ ކަމެއް އަދި ޕާޓީ ފުނޑުނަސް އަމިއްލަ ޕާޓީގެ ވެރިކަން ގެއްލުނަސް ފަރުވާލެއް ނެތެވެ.

މިކޯޅުންގަނޑުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. ދެން ސޯޝަލް މީޑިއާއިންނެވެ. މަޖިލީހުގެ ރައީސްގެ ގޮނޑިކޮަަޅުގައި ރައީސް ނަޝީދު އިންނަަވައި ކޮންމެ ޖަލްސާއެއްގައިިހެން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ސިފަކުރެވޭ މިންވަރަށެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަކީ އެކަމަނާގެ ބައްޕާފުޅުގެ ފަރާތުން ރައީސް ސޯލިހާއި ކިތަންމެ ތިމާގެ ބޭފުޅަކަށްވިޔަސް ދާއިރާގެ މެމްބަރުގެ ގޮނޑިކޮޅުގައި އިންނަވާއިރު ސަރުކާރުގެ ސިޔާސަތުތައް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ވެރިކަން ކުރާ ގޮތާއި، ވެރިކަން ކުރާ މީހާވެސް އެހާމެ ކަޑައެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާއިރު މަޖިލީހުގައި އިދިކޮޅުންނާއި އެއްކޮޅުން ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް އިންނަވާނީ ހިނިވަރުނަ ކުރައްވައިިގެން އެހާ ރުހި ގަބޫލުވެގެންނެވެ. ދެން ރިޔާސަތަށް އަރައިވަޑައިގަންނަވަނީ އަފީފެވެ. ސޯލިހުގެ ތާއީދާ މަދަދާއެކު ގޮނޑިކޮޅު ކަށަވަރު ކުރެއްވި ކަމަކު، މަސްލަހަތު އޮންނަ ވިޔަފާރިއަކަށް ހުރަސް އެޅޭ ގޮތަށް ސޯލިހުގެ ސަރުކާރުން ކުރި ކަމަކުން އޭނާވެސް ކަންކުރީ އީވާ އާއި ދާދި އެއްގޮތަކަށެވެ.

ނަޝީދާއި އެމަނިކުފާނުގެ ފެކްޝަންގެ ގިނަ ބޭފުޅުން ފާޅުގައި މިހާރުގެ އެމްޑީޕީ ސަރުކާރާ ދެކޮޅެވެ. ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުރުހޭކަމަށް ނަޝީދު ވިދާޅުވާއިރަށް ނަޝީދަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވެސް ފަހަތުން ނުކުންނަވައި ފާޅުގައި އެހެން އެބަ ވިދާޅުވެއެވެ. ނަމަވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން އެބޭފުޅުންނަށް ފެނިވަޑައިނުގަަންނަވާ ހަގީގީ އާރުލާ ސަބަބެއް ނުދެއްކެއެވެ. މިހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އައްޑޫ ސިޓީގައި ހިންގަން ވަޢުދުވި މަޝްރޫތައް ނުހިނގާކަމަށް އެބޭފުޅުން ވިދާޅުވާއިރު، މެމްބަރު އަސްލަމާއި އައްޑޫއަށް ނިސްބަތްވާ ގިން މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ފޮޓޯއާއި ވީޑިއޯއާއެކު ހެއްކާއި ގަރީނާ ދައްކަވައި އެކަން އެބަ ދޮގުކުރައްވައެވެ. އެގޮތުން އެބޭފުޅުން ނުހިންގާކަމަށް އެވިދާޅުވާ ހުރިހާ ކަމެއްވެސް އެކި މަރުހަލާތަކުގައި އެބަ ހިނގައެވެ. ބިން ހިއްކާ ތަނާއި، ބަނދަރު ހަދާ މަންޒަރާއި މަގު ހަދައި، ތާރު އަޅާ މަންޒަރު، ރައީސް ސޯލިހުގެ ފެކްޝަނުގެ މެމްބަރުންނާއި ވަޒީރުން އެބަދައްކަވައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުން ލަސްވިއްޔާ ލަސްވެފައި ހުރި ކަންކަމަކީ އެވާހަކަ އެންމެ ބާރަށް ދައްކަވާ އިލިޔާސް ލަބީބާއި އީވާގެ ފިރިކަލުންގެ މަސްލަހަތު ހިމެނޭ ގޮތަށް ކަންތައްތަކެއް ހަވާލުކޮށްގެން ހިންގަން އުޅުނު ޕްރޮޖެކްޓް ތަކެކެވެ.

ނަޝީދުގެ ފެކްޝަންގެ މެންބަރުން ދައުލަތުގެ މިއަހަރުގެ ބަޖެޓު ދެކޮޅު ނުޖެހޭ ކަމަށް ދައްކާ ވާހަކަ ވެސް ދޮގުކޮށް ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި ފިނޭންސް މިނިސްޓަރ ދައްކަވަނީ ބަޖެޓު ދެކޮޅު ޖެހޭ ކަމުގެ ހެއްކާއި ގަރީނާއެވެ. އެބޭފުޅުންނަށް ފެނިވަޑައި ނުގަތަސް އިގުތިސޯދު ހިނގައި ކުރިއަރާ ދާތަން ސަރުކާރުން ހިސާބު އަކުރުން އެބަ ދައްކައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ކިތަންމެ ވަރަކަށް ވިދާޅުވި ނަމަވެސް، ކޮވިޑުގައި ދެކުނު އޭޝިއާގެ ބައެެއް ގައުމުތައް ބަނގުރޫޓުވެ ދިޔަ ގޮތަށް ރާއްޖެ ބަނގުރޫޓުނުވާ ކަމުގެ ހެކި ސަރުކާރުން އެބަ ދައްކައެވެ. ކޮވިޑުގެ ހާލަތުގައިވެސް ރައްޔިތަކު ބަނޑަށް ނުޖައްސައި، މުވައްޒިފެއްގެ މުސާރަ އުނިނުކޮށް، ވަޒީފާ ގެއްލުނު ހުރިހާ ރައްޔިތުންނަށް އެލަވެންސްދީ، ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ވިޔަފާރިތަކަށް އެހީއާއި ލޯނު ދީ، ކަަރަންޓާއި، ފެނާއި، ކާޑާއި، ބޭހަށް ސަބްސިޑީ ދީ، އާސަންދަވެސް ދިނީއެވެ. ނުވިތާކަށް ބަޖެޓުގައި ޖަހާފައި ހުރި މަޝްރޫއުތަކާއި، ރައީސް ސޯލިހުގެ ވައުދާއި އެއްގޮތަށް ހިނގަމުން ދިޔަ އަދި ހިންގަން ކަނޑައަޅާފައިވާ އެއްވެސް މަޝްރޫޢުއެއްވެސް ނުހުއްޓި ކުރިއަށް ދިޔައެވެ. އެހެންވީމާ ނަޝީދާއި، ނަޝީދުގެ ބައިވެރިން އެދައްކާ ވާހަކަތައް ސަރުކާރުން ދޮގު ކުރުމުން، ތިޔައީ ހަގީގަތެއް ނޫނޭ އެކަކަށްވެސް ނުބުނެވެއެވެ.

ދެން އެންމެފަހުން ދައްކަންފެށީ ސަރުކާރުގައި ސިޔާސީ ވަޒީފާ ގިނަ ވާހަކައެވެ. އެވެސް އަޅުވާ ކިޔަނީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރާއެވެ. މިހާރު އިދިކޮޅުގައި ތިބި ވާދަވެރިން ހިންގި ސަރުކާރާއެވެ. އެހެން އެބޭފުޅުން ވިދާޅުވާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ގިނައީ އެމްޑީޕީގެ މެންބަރުންނެވެ. ރައީސް ނަޝީދުގެ ވެސް ގާތް އެކުވެރިންނެވެ. ޕާޓީއަށް ވަފާތެރި "ކުދިން" ކޮޅެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީމާ ނުވަތަ ވައްޓާލީމާ އަދި ނަޝީދު ހައްޔަރުވީމާ ނަޝީދުގެ ހައްގުގައި 24 ގަޑިއިރު މަގުމަތީގައި ނުނިދާ ހޭލައި އުޅުނު ކުދިންނެވެ. އޭރު ޖެހިހައި ޕެޕާ ސްޕްރޭއެއް ބޮއި އޭތި ލޮލަށް އަޅަައިގެން ދުވި ކުދިންކޮޅެވެ. ނަޝީދާއި ޕާޓީއަށްޓަކައި އަނިޔާލިބި ހައްޔަރުވި ކުދިންކޮޅެވެ.

ކޯލިޝަންގެ ވެރިކަމެކޭ ކިޔަސް އެއީ ހަމަ ނަމެއްގައި އޮތް އެއްޗެކެވެ. އެބުނާ ސިޔާސީ މަގާމުތަކުގައި ކޯލިޝަންގެ ފަހެއް އިންސައްތަ ވެސް ނުހިމެނެއެވެ. އަދި ކޯލިޝަން އޮތޭ ކިޔާފައި އެމްޑީޕީއަށް ވެސް ނަޝީދަށް ވެސް ނުވާ އެއްވެސް ކަމެއް ނެތެވެ. އެބުނާ ސިޔާސީ މަގާމުތަކުގައި ތިބީ ނަޝީދުގެ ގާތް އެމްޑީޕީގެ މެންބަރުންނާއި މަޖިލިސް މެންބަރުންގެ ގާތް ތިމާގެ ބޭފުޅުންނާއި އެބޭފުޅުންގެ ރަހުމަތްތެރިންނެވެ. ދެން ތިބީ އިންތިހާބީ އެކި މަގާމުތަކަށް ޕާޓީން ވާދަކޮށްގެން ނުހޮވުނު މެންބަރުންނެވެ. އެހެންވީމާ މިވާހަކަ ވެސް ދެއްކޭކަށް ނެތެވެ.

ކަންމިހެން އޮތްއިރު ރައީސް ނަޝީދާއި ނަޝީދުގެ ފެކްޝަނުން ރައީސް ޞާލިހަށް ދެވަނަ ދައުރެއް ނުދޭން ނިންމީ ސަރުކާރާއި ރައީސް ޞާލިހުގެ ކޮން ކަމެއް ކަމުނުގޮސްގެން ކަމެއް ބުނެއެއް ނުދެވެއެވެ. ހަމައެކަނި ދައްކަނީ އިދިކޮޅުން ދައްކާ ފަދަ ސިޔާސީ ބަހަނާ ތަކާއި ސިޔާސީ ވާހަކަތަކެވެ. ބޮޑަށް ބުރަވެވޭ ގޮތުގައި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ނަޝީދު ބޭނުންފުޅު ނުވަނީ އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީއެވެ. އެއީ ނަޝީދާއި ނަޝީދަށް ތާއީދުކުރާ މެންބަރުން ގަބޫލުކުރައްވާ ގޮތް ނުވަތަ ބޭނުންވާގޮތެވެ. އެބޭފުޅުން ބޭނުންފުޅުވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރަށްވާށެވެ. އަދި އެ އިންތިޚާބު ކާމިޔާބުކޮށް ރައީސް ނަޝީދަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައި ދޭށެވެ. އެމަގަށް އެވެރިން ޖަހާ ހުރިހާ ހިސާބެއް ޖަހަނީ އެ އިންތިހާބު ކާމިޔާބުކޮށް ނަޝީދަށް ވެރިކަން ލިބޭ ގޮތަށެވެ.

އެކަމަކު ރައީސް ޞާލިހުގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ކާމިޔާބާއި ފެންނާން އެ އޮތް ބޮޑު މަންޒަރަށް ބަލާއިރު އަދި ނަޝީދުގެ މިހާރުގެ މަގުބޫލުކަން ހުރި މިންވަރާއި ނަޝީދުގެ މާޒީއާއި އަމަލުފުޅުތައް ބަހައްޓަވާ ގޮތަށް ބަލާއިރު ރާއްޖޭގެ މަޝްރަހު ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވަނީ އެބޭފުޅުން ޖައްސަވާ ހިސާބު އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށެވެ. އެފަދަ ގިނަ ބޭފުޅުން ވިދާޅުވަނީ މިހާރު ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއްގައި ނަޝީދާއި ރައީސް ޞާލިހު ވާދަކުރެއްވިޔަސް ނަޝީދު ބޮޑުތަނުން ބަލިވާނެ ކަމަށެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މިވާހަކަތައް އެހެރީ މީސް މީޑިއާގައި ތިލަކޮށް ފެންނާށެވެ.

މިހުރިހާ ވާހަކައެއް ހުއްޓާލާފައި މިހާރު އޮތް އެމްޑީޕީގެ ވެރިކަން ދިފާޢުކޮށް އިތުރު ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް އެމްޑީޕީއަށް ޔަގީންވާނެ ފޯމިއުލާއަކީ ކޮބައިތޯ ވިސްނާއިރު ނަޝީދަކީ އަސްލުގައި ވެސް "ޗޮއިސް" އެއް ކަމަކަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބުތައް ބައިވަރެވެ. ނަޝީދަށް ވެރިކަން ހޯދައިދޭން ނަގަންޖެހޭ "ރިސްކް" އެހާމެ ބޮޑެވެ.

އެމްޑީޕީގެ ވެރިކަމުގެ މިފަސްއަހަރުގެ ކާމިޔާބީގެ ބާނީއަކީ ރައީސް ޞާލިހެވެ. އެއީ ރައްޔިތުން ބަލައިގަންނަ ގޮތެވެ. ނިމިދިޔަ ވެރިކަމަށް ފަހު ރައީސް ޞާލިހާއެކު ރައްޔިތުންނާއި ސިޔާސީ ބޭފުޅުން ކުރަމުންދާ ތަޖުރިބާ އުޑާ ބިމާހާ ތަފާތެވެ. މިއިން ޒަމާނެއްގައި ދުނިޔެ ނުދެކޭފަދަ އަދި ރާއްޖެވެސް ތަޖުރިބާ ނުކުރާފަދަ ނުރައްކާތެރި އާލަމީ ވަބާއެއްގެ ތެރެއިން ރައްޔިތުންނާއި ގައުމު ސަލާމަތް ކުރެއްވުމުގެ އިތުރުން ހުއްޓުމެއް ނެތި ގައުމަށް ތަރައްގީ ގެނެސްދެއްވުމުގައި ތަފާތު ކުރުމެއް ނެތެވެ. ވިސްނުންތެރި ކަމާއެކު މަޑުމަޑުން އަލުން ކަނޑަށް ނުކުމެ އިގުތިޞާދީ ދުވެލި ކުރީގައި ހުރި ބާރުމިނުގައި ދުއްވާލައި އެވަބާގެ ކުރީގައި އޮތް ހާލަތާއި އަރާ ހަމަކޮށްފިއެވެ. ރާއްޖެއަށް ވުރެ މާބޮޑު މާ ތަނަވަސް، ދެކުނު އޭޝިޔާގެ ގައުމުތައް އެވަބާގައި ޖެހި ފުނޑި ބަނގުރޫޓުވެ ރައްޔިތުން ބިކަވެގެން ދިޔަގޮތަށް ރާއްޖެ އެމަގަށް ނުގޮސް ސަލާމަތްވުމާއެކު ކުރިއަށް އޮތް ދުވަސްތަކުގެ އުއްމީދީ ޕްލޭންތަކާއި މަޝްރޫޢުތަކާއި ފަހި ބަޖެޓުން ގެނުވި އުއްމީދާއެކު 2023 ގައި އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކޮށް ވެރިކަން ދެމެހެއްޓުމަށް އޮތް ހަމައެކަނި "ޗޮއިސް" އަކީ ރައީސް ޞާލިހު ކަމާމެދު ނަޝީދާއި ނަޝީދުގެ ފެކްޝަނުން ވެސް ދެބަސްވަނީ އެއީ އެކަން އޮތްގޮތްކަން ނޭނގޭތީއަކީ ނޫނެވެ.

ރައީސް ޞާލިހަކީ އެމްޑީޕީ ވެރިކަމުގައި ދެމި ތިބުމަށް ނުވަތަ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި "ޗޮއިސް" އޭ ބުނަން ކެރޭ އަނެއް ސަބަބަކީ ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ކޯލިޝަންގެ ބައިވެރިން އަދި ވެސް ދެމި ތިބުމެވެ. މިހާތަނަށް ވެސް އޮތް ޔަގީން ކަމަކީ 2023 ގައި މިދެންނެވި ކޯލިޝަން ރައީސް ޞާލިހާއެކު އޮންނާނެ ކަމުގެ ޔަގީން ކަމެވެ. އެކަމަކު މާޒީގެ ހިތި ތަޖުރިބާއަށް ބަލާއިރު އަދި ނަޝީދުގެ މަގުބޫލުކަން ހުރި މިންވަރަށް ބަލާއިރު ރައީސް ނަޝީދުގެ ފަހަތްޕުޅުގައި އެބޭފުޅުން ނުކުންނަވާނެ ކަމަކަށް އަދި އެއްވެސް ބަޔަކު ޖަހާ ހިސާބަކުން ނުދައްކައެވެ.

ދެން އޮތީ ވަކިވެގަނެގެން ބައިބައި ވެގެން އިންތިހާބުން ބަލިވުމުގެ ބިރެވެ. އެބިރު ނަޝީދާއި ނަޝީދުގެ ބައިވެރިންނަށް ވެސް އޮންނާނެއެވެ. ރައީސް ޞާލިހަށް ވެރިކަން ހޯދައި ދިނުމަށްވުރެ އިންތިހާބުގެ ނާކާމިޔާބާއެކު އަނެއްކާވެސް މަގުމަތިވާން ބޭނުން ނަމަ އެގޮތް ޚިޔާރު ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. އެކަމަކު އަސްލު އެމްޑީޕީގެ ރަންރީނދޫ ލޭ ހިނގާ މެންބަރުން އެކަމާ އާބަސް ބުނެ ރުހި ގަބޫލުވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ނިޔަލަ

22-Feb-2023

ތީ ހަމަ.އަނބުރާ ގޭސްގަނޑެއް އެނމެ ފަހުން ދެމީހުން ތިބޭނީ ހިތާހިތުގަ ރައްޔިތު ްްްްނ ގުނބޯހައްދަނީ މިހާރު


-1

ޒަކަރިއްޔާ!!!

22-Feb-2023

ތޭހުސް އެކައްޗެއް އެނައް ވޯޓަށް ކަށަޖަހާއް ވީމެއި އައްޑޫ މީހުން ފެނޭނެއި. ޥ.ސަލާމް!


-5

ބަސީދީ

22-Feb-2023

ނަޝީދު ދެކޮޅުހަދަނީ ކޯލިޝަން ވެރިކަމެއް 2023ގެ ފަހުން ކޮށްފާނެތީ, އަދާލަތުގެ ބަސް އަހައިގެން 2023ގެ ފަހުން އިބޫ ވެރިކަން ނުކުރާނެކަން އިމްރާނަށް އެނގޭ. މިއަދު ބޭނުންވަނީ އަދާލަތުވެސް, ޤާސިމްވެސް ރުއްސައިގެން ވެރިކަން 2023 ގައި ހޯދުން. އެއަށްފަހު 2024 ގެ މަޖްލީސް އިންތިޙާބް ނުބާއްވައި ޤާނޫނުއަސާސީ އިސްލާހުކޮށް ބަރުލަމާނީ އަކަށް ވެރިކަން ބަދަލުކުރަން އުޅޭކަން ޤާސިމްއަށް އެނގޭ. އެހެންވެ, މިހާރު ރައްޔިތުންނަށް އޮތްގޮތަކީ ބައިތުލްމާލަށް ޖަމާކުރަން ޓެކްސް ނުދައްކައި, ވެރިކަން ވައްޓާލުމަށް ވާގިވެރިވުން. އޭރުން ދެން އަންނަ ވެރިކަމެއްގައި ނުދައްކައިހުރި ޓެކްސްގެ ޖޫރިމަނާ މާފްކޮށް ވެރިކަން ހިންގުމަށްޓަކައި ޓެކްސް ދައްކާނީ. މި ފޯމިއުލާގައި އެމްޑީޕީގެ ވެރިކަން ދިވެހިވުޖޫދުން ފުހެލެވޭނެ.



ޓްރެންޑިން