އިބްރާހިމް ފަހީމް   28 ނޮވެމްބަރު 2022 - 4:28
ފީފާވޯލްޑްކަޕް 2022 ގައި މިރޭ ކްރޮއޭޝިއާ އަތުން ބަލިވެ ކެނެޑާއަށް ރައުންޑް އޮފް 16 ގެ ފުރުސަތު ގެއްލިއްޖެއެވެ.

ގުރޫޕް އެފް ގައި މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖެހީ މެޗު ފެށިތާ 1 މިނެޓާއި 8 ސިކުންތު ތެރޭ ކެނެޑާއިންނެވެ. ބުޗާނަން ނަގައިދިން ހުރަހަކުން އަލްފަންސޯ ޑެވީސް ޖެހި ލަނޑާއެކު ކެނެޑާއިން ލީޑު ނެގިއެވެ.

މެޗަށް އަރާ ކްރޮއޭޝިއާއިން ރަނގަޅަށް ހަމަނުޖެހި އުޅެނިކޮށް ކެނެޑާއިން ގޯލެއް ޖެހިނަމަވެސް، ފުރަތަމަ ހާފުގައި ދެން ފެނިގެން ދިޔައީ ކޮރެއޭޝިއާގެ ކުޅުން ރަނގަޅުކޮށް ފަސޭހަކަމާއެކު ގޯލްތަކެއް ޖެހިތަނެވެ. އެގޮތުން، މެޗުގެ 36 ވަނަ މިނިޓުގައި ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރަމަރިޗެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ކްރޮއޭޝިއާއަށް ލީޑު ނަގައިދިނީ ލިވާޖާއެވެ.

ދެ ވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅުނީ ކްރޮއޭޝިއާއިންނެވެ. އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ މެޗުގެ 70 ވަނަ މިނެޓުގައި ޕެރިސިޗް ދިން ބޯޅައަކުން ކްރަމަރިޗެވެ. އޭގެ ފަހުންވެސް ކޮރެއޭޝިއާއަށް ގޯލްޖަހަން ފަސޭހަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ 4 – 1 ގައި އޮވެ ކޮރެއޭޝިއާ މޮޅުވެގެނެވެ.

މި ނަތީޖާއާއިއެކު ކްރޮއޭޝިއާ 4 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނައަށް އަރާފައި ވީނަމަވެސް، 1 ވަނައިގައި އޮތް މޮރޮކޯއަށް 4 ޕޮއިންޓް އަދި ބެލްޖިއަމަށް 3 ޕޮއިންޓް ލިބިފައިވާތީ، މި ގްރޫޕުން ރައުންޑް އޮފް 16 އަށް ދާނެ 2 ޓީމެއް އަދި ވެސް ކަށަވަރެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން