ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސީ ގައި މިރޭ ސައުދީ އަރަބިއްޔާގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ޕޮލެންޑުން އާކޮށްފިއެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މި މެޗު ޕޮލެންޑުން ކާމިޔާބު ކުރީ 2 – 0ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ގޯލް ޕޮލެންޑަށް ކާމިޔާބު ކޮށްދިނީ، ރޮބަޓް ލެވެންޑޯސްކީ ދިން ޕާހަކުން މެޗުގެ 39 ވަނަ މިނެޓްގައި ޒިއެލެންސްކީއެވެ. އެވަގުތުކޮޅަކީ ސައުދީންވެސް ވަރަށް ރަނގަޅަށް ކުޅެމުންދިޔަ ވަގުތުކޮޅެކެވެ.

އެގޮތުން ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕޮލެންޑްގެ ކުޅުންތެރިއަކު ސައުދީގެ ފޯވާޑް އަލް ޝެހްރީ އަށް ކުރި ފައުލަކާ ގުޅިގެން ސައުދީއަށް ޕެނަލްޓީއެއް ލިބުނެވެ. ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން ސައުދީ އަށް ލިބުނު އެ ފުރުސަތު ނާކާމިޔާބު ކޮށްލީ ޕޮލެންޑުގެ ކީޕަރު ޝެޒްނީއެވެ. ސައުދީގެ ސާލިމް ފޮނުވާލި އެ ބޯޅަ ކީޕަރު ދިފާއު ކުރިނަމަވެސް ރިބައުންސްގައި ދެވަނަ ފަހަރަށް ސާލިމަށް ލިބުނު ނަމަވެސް، ދެން ފޮނުވާލި ބޯޅަވެސް ކީޕަރު ދިފާއު ކުރިއެވެ.

ދެވަނަ ހާފުގައިވެސް ސައުދީން ދިޔައީ ޕޮލެންޑަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް، ގޯލެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް، ސައުދީގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 82 ވަނަ މިނެޓުގެ ތެރޭގައި ޕޮލެންޑުގެ ލެވެންޑޯސްކީ ވަނީ އެ ޓީމަށް ދެވަނަ ގޯލް ކާމިޔާބު ކޮށްދީފައެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މިއީ ވޯލްޑް ކަޕެއްގައި ލެވެންޑޯސްކީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ގޯލާއިއެކު އޭނާއަށް ހާއްސަ އިހުސާސްތަކެއް ކުރެވުނެވެ. އޭނާއަށް އުފަލުން ރޮވިފައި ހުރިކަން ގިނަ ބަޔަކު ފާހަގަ ކުރިއެވެ.

މި މޮޅާއެކު ޕޮލެންޑް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ތިން ޕޮއިންޓާ އެކު ދެވަނައިގައި ސައުދީ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ މެކްސިކޯއެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އާޖެންޓީނާއެވެ.

މި ގުރޫޕްގައި މިރޭ ވެސް ފޯރިގަދަ މެޗެއް އޮންނާނެއެވެ. މިރޭ ރާއްޖެ ގަޑިން 12:00 ގައި ފަށާ މި މެޗުގައި ބައްދަލު ކުރާނީ އާޖެންޓީނާއާއި މެކްސިކޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން