ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއިއެކު އެޗްޑީސީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ ރިދަމް ފިޓްނަސްގެ ވެރިޔާ، އަޒީރާ ސޯދިގެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްގެ ފަރާތުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމާއިބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ލިބެމުންދާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށްޓަކައި އެކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން، އެޗްޑީސީން ވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތަކެއް މީގެކުރިންވެސް ހިންގާފައެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން މިދިޔަ އޮގަސްޓް މަހު އެޗްޑީސީގެ ފަރާތުން ވަނީ ދޮށީއުމުރާއި ސިއްހަތުގެ ނަމުގައި ހާއްސަ މަންސައެއް ވެސް ބާއްވާފައެވެ. 

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އާންމުން މިކަމަށް ހޭލުންތެރިކުރުވުމަށް އެޗްޑީސީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން، މިއަދު ވެވުނު އެއްބަސްވުމުންވެސް ދޮށީ އުމުރުގެ ބޭފުޅުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ ކަމަށް އެޗްޑީސީން ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން