ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ބޭނުންވެގެން އުޅޭ މީހުންނަށް އުންމީދު ނުލިބިދާނެ ބަޖެޓެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މަންބަރު ރޮޒޭނާ އާދަމް، ރައީސް މުޙައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޫނު ބަހުސްތަކެއް ކުރިއަށްދާއިރު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ބަހުގެ ހަމަލާތައްވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ދައްކާ ވާހަކަތައް ސަރުކާރަށް ތާއީދުކުރާ މެންބަރުން މާނަ ކުރަނީ ސަރުކާރަށް ޖެއްސުން ކުރުމާއި ބަޖެޓު ހިންގަން ދަތި ކުރުންކަމަށެވެ. ހަމައެގޮތަށް ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ބުނަމުންދަނީ ސަރުކާރުން ބަޖެޓަށް ބޭނުންވާ އެންމެ ރަނގަޅު މައުލޫމާތު ނުދޭ ކަމަށާއި ސަރުކާރުން ކަންކަން އޮޅުވާލަމުންދާ ކަމަށެވެ.

ފާހަގަ ކޮށްލެވޭގޮތުގައި ސަރުކާރާއި ދެކޮޅަށް ދައްކާ ވާހަކަތައް އެންމެ ގިނައިން ދައްކަވާ އެއް ބޭފުޅަކީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

ބަޖެޓަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކާއި ގުޅުވައިގެން ރޮޒޭނާ މިއަދު ވިދާޅުވީ، މިއީ ކިޔަވާ ކުދިންނަށް، ގެދޮރު ބޭނުންވާ މީހުންނަށް، ވިޔަފާރިވެރިންނަށް، ދަނޑުވެރިންނަށް، މަސްވެރިންނަށް އަދި އަންހެނުންނަށް އުންމީދީ ބަޖެޓެއް ކަމަށެވެ.

ނަމަވެސް، ބަރުލަމާނީ ނިޒާމެއްގައި ވެރިކަންކުރަން ބޭނުންވާ ފަރާތްތަކަށް މި ބަޖެޓުން އުންމީދެއް ނުލިބުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތެވެ. ރައީސް ނަޝީދު، ރައީސް ޞާލިހާއި އެންމެބޮޑަށް ޚިޔާލު ތަފާތުވެގެން އުޅޭ މައްސަލައަކީ ވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މައްސަލައެވެ.



ކިޔުންތެރިންގެ ހިޔާލު