ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ކުރާ މަސައްކަތަށް ބަޔަކު ހުރަސް އަޅަން މަސައްކަތްކުރިނަމަވެސް އެކަމަށް އެއްވެސް ޖާގައެއް ނެތްކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު އަހުމަދު ވިދާޅުވީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެ ސަރުކާރުން ގެނެސްދޭ ތަރައްޤީ ރައްޔިތުން ބަލައިގަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުރިނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަނެ އަދި އެކަންކަމަކީ އެއީ އެއްވެސް އަސްލެއް ނެތް އަސާސެއް ނެތް ވާހަކަތަކެއްކަން ފެނިގެންދާނެ. ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިގެން ދާނެ އެ ވާހަކަތަކަކީ ހިޔާލީ ފޮލާއެއްކަން." އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ސަރުކާރާއި ގުޅޭގޮތުން ދޮގު ވާހަކަ ދައްކާއިރު، އެ ވާހަކަތަކުގެ ސަބަބުން ގެއްލުންވާނީ އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ކަމަށެވެ. އަދި ގެއްލޭނީ އެބޭފުޅުންގެ އިތުބާރުކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ ތަރައްޤީއަށްކަމަށާއި އެމަގުން މިއަދު މަސައްކަތްކުރާއިރު ރާއްޖެ މިއަދު ދެކެމުންމިދަނީ ކުރިއެރުމާއި ތަރައްޤީއާއި ތަހުޒީބުކަމަށެވެ. އަދި ރާއްޖޭގައި ސުލްހަ މަސަލަސްކަން މިވަނީ ދުވަހަކުވެސް ޤާއިމްނުވާ މިންވަރަށް ޤާއިމްވެފައިކަމަށްވެސް މެމްބަރު އަހުމަދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް އަހަރަކީ ފާގަތި އަހަރަކަށްވާނެ، ހުއްޓިފައި ހުރި މަޝްރޫޢުތައް ނިމި، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ އަހަރަކަށްވާނެ. މިފަދަ ކަންކަމާއިމެދު ހަސަދަވެރިވާ ފަރާތްތައް ތިބޭނެ. އިދިކޮޅު މީހުން މިކަންކަމަށް ހުރަސް އަޅަންވެސް މަސައްކަތްކުރާނެ. އެކަމަކު އެކަމަކަށް ޖާގައެއް ނެތް. ﷲގެ އިރާދަފުޅާއެކު އެ ހުރިހާ މަސައްކަތެއް ވާނީ ނާކާމިޔާބު. ސަރުކާރު ދާނީ ބާރަށް ކުރިއަށް." އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ މިއިން ޒަމާނަކު ނުހިނގާ ވަރަށް ތަރައްގީގެ މަސައްކަތްތައް ރާއްޖޭގައި އެބަ ހިނގާކަމަށެވެ. އަދި އެ މަޝްރޫޢުތަކާއެކު އިޤްތިޞާދީގޮތުން ބޮޑު އިންގިލާބެއް އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު