އެމްޑީޕީއަކީ 2 މީހެއްގެ ޖީބުގައި އޮންނަ ކްރެޑިޓް ކާޑެއް ނޫންކަމަށާއި، އެއީ ރައްޔިތުންގެ ފިކުރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަނދުން ހުސައިން ވިދާޅުވީ ސަރުކާރު ހިންގަމުންދަނީ އެމްޑީޕީން ބޭނުންވާ ގޮތަށްކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްޤީ ރަށްރަށަށް އަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ފެންނާނީ ވަރަށް އެމްޑީޕީކޮށް ސަރުކާރު ހިންގަވާ މަންޒަރު. އަޅުގަނޑުމެން ބުނީ ހަމަހަމަކަމާއި ތަރައްޤީގެ ވާހަކަ. އަޅުގަނޑުމެން ދެއްކީ ރަށު ބަންދުން ވީއްލެންޖެހޭކަން. އެކަމަކު ހިތާމައަކީ އެކަންކަން ކުރަން ސަރުކާރުން އުޅުނީމަ އެކަންކަމަށް މަޖިލިސް ތެރެއިން ފާޑު ކިޔަމުންދާތީ. އެއީ އެމްޑީޕީއެއް ނޫން." އަނދުން ހުސައިން ވިދާޅުވިއެވެ.

އަަނދުން ހުސައިން ވިދާޅުވީ ބައެއް ބޭފުޅުން އަމަލުކުރަނީ އެމްޑީޕީއަކީ އެމީހުންގެ އަމިއްލަ މުދަލަކަށް ހަދައިގެންކަމަށެވެ. ނަމަވެސް އެއީ ދައުލަތުން ފައިސާ ދީގެން ހިންގާ ބޮޑު ސިޔާސީ ޕާޓީއެއްކަމަށާއި، އަދި އެތައް ބައެއްގެ ހިޔާލާއި ވިސްނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީއަކީ 2 މީހެއްގެ ޖީބުގައި އޮންނަ ކްރެޑިޓް ކާޑެއް ނޫން. އެއީ ދިވެހި ރައްޔިތުންގެ އުއްމީދު. ދައުލަތުން ފައިސާ ދީގެން ހިންގާ ބޮޑު ސިޔާސީ ޕާޓީއެއް. އެތައް ބައެއްގެ ހިޔާލާއި ވިސްނުން. ދެ މީހެއްގެ ކަމެއް ނޫން. ގޭތެރޭގެ ވާހަކައެއް ނޫން، މިއީ ލަދުވެތިކަމެއް. ހިތާމަހުރިކަމެއް." އަނދުން ހުސައިން ވިދާޅުވިއެވެ.

އަނދުން ހުސައިން ވިދާޅުވީ މި ސަރުކާރުން ރަށްރަށަށް ތަރައްޤީ ގެނެސްދެމުންދާކަމަށާއި އަދި އަންނަ އަހަރަށް ފާސްކުރާ ބަޖެޓާއެކު ރައްޔިތުންނަށް މިއަދު ބޭނުންވާ އެންމެ މުހިއްމު ކަންކަންވެސް ފުދިގެންދާނޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު