ޓެރަރިޒަމާއި ދެކޮޅަށް އައްޑޫސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ބާރުގަދަ ގޮވާތަކެތި ތައްޔާރު ކުރާ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު މީހުންނާއި ގުޅުންހުރި އެކި ތަންތަން ބަލާ ފާސްކޮށްފައިވާނޭ ކަމަށެވެ. އެގޮތުން، ބާރުގަދަ ގޮވާތަކެތި ފެނުނީ މި ހިނގާ ނޮވެމްބަރު 11އިން ފެށިގެން މާލެއާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި އައިސިސްއާ ގުޅުން ހުރި މީހެއްގެ ގެއިން ކަމަށާއި އެ ގެއިން ހައި އެކްސްޕްލޯސިވްގެ މާއްދާތަކެއް ފެނިފައިވާކަމަށެވެ. އަދި އެއީ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ގޮވާތަކެތި ކަމަށް އެމްއެންޑީއެފުގެ އެފަދަތަކެތި ތަހުލީލުކުރާ ޑިޕާޓުމަންޓުން ބުނެފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.



ނޮވެމްބަރު 11 އިން ފެށިގެން މާލެއާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރު ކޮށްފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ ބަޔަކު މަރަން ރާވަމުންދިޔަ ބައެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވާ 14 މީހުންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ. އަދި އެ މީހުންނަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު މީގެ ކުރިންވެސް އޮތް ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު