މި ހިނގާ ނޮވެންބަރު މަހުގެ 22 އިން 24 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ކޭމްޕެއް ފަށަން ތައްޔާރުވެއްޖެއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި ކޭމްޕުގައި އާރތުރޮސްކޯޕިކް ސާރޖަރީ (ކެމެރާގެ ޒަރީއާއިން ބަލައިގެން ކުރެވޭ ހުޅުތަކުގެ އޮޕަރޭޝަން) ތަކެއް ކުރިޔަށްދާނެއެވެ.

ކޭމްޕު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެންނެވެ. މިގޮތުން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ކަށީގެ ޑޮކްޓަރު، އަދި ނޭޝަނަލް ހެލްތު ކެއަރ އެކަޑަމީގެ ވައިސް ޑީން ކަންވެސް ކުރައްވާ، ސީނިއަރ ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. ހުސައިން ޝަކީލް އިސްވެ ކުރައްވާ މި އޮޕަރޭޝަންތަކުގައި، އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ، ޑރ. އަސްޢަދު މުޙައްމަދު ޝަހީދު އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ކަށީގެ ހާއްސަ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. އަލީ މަފާޒް ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި މި ކޭމްޕުގައި ކުރެވޭ އޮޕަރޭޝަންތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމް އަމަލީ ގޮތުން ހަރަކާތްތެރިވާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތައް ބާރުވެރިކޮށް، ޞިއްޙީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިކް ސާރޖަރީތައް ފެށިގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށް ކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުން ކުރާ ހޭދަ މިކަމުގެ ސަބަބުން ބޮޑުތަނުން ކުޑަވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު