ދުނިޔޭގެ 250 މަންޒިލަކުން އައްޑޫ ސިޓީއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދާކަމަށް އިނަ މޯލްޑިވްސްއިން ބުނެފިއެވެ.

އިނަ މޯލްޑިވްސްގެ ޗެއާމަން މުޙައްމަދު ފިރާގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ ދުވަހަކު ވައިގެ މަގުން 250 މަންޒިލަކުން އައްޑޫއަށް ދަތުރު ކުރާނެ ކަމަށެވެ.

ފިރާގު މިފަދައިން ވިދާޅުވެފައިވާއިރު މިހާރު އައްޑޫ ސިޓީއަށް ދަތުރު ކުރަނީ 5 މަންޒިލަކުންނެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު ފްލައި ދުބާއީގެ ދަތުރުތައް އައްޑޫއަށް ފެށުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ފިރާގު އެ ވިދާޅުވި 250 މަންޒިލުންވެސް އައްޑޫ ސިޓީއަށް ދަތުރު ކުރާނީ ފްލައި ދުބާއީ އެއާލައިނުން ކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ އަހަރު އައްޑޫ ސިޓީއަށް ފްލައި ދުބާއީގެ ދަތުރުތައް ފެށުމާއިއެކު އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު 28 ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށާއި ފެބްރުއަރީން ފެށިގެން ކޮންމެ ދުވަހަކުވެސް ފުލައި ދުބާއީގެ ދަތުރުތައް އައްޑޫއަށް އޮންނާނެކަމަށް ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ގަން އެއަރޕޯޓުން ބުނެފައިވެއެވެ.

ފްލައި ދުބާއީއިން އައްޑޫއަށް ދަތުރުތައް ފަށަން ނިންމިނަމަވެސް، އެ ސިޓީގައި އޮންނަ ދެ ރިސޯޓުކަމުގައިވާ ޝަންގްރިއްލާއާއި ހެރެތެރެ އަދިވެސް އޮތީ ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު