ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިޤާލީ އިންސާފު އޮފީހުން މިހާރު މަސައްކަތް ކުރަނީ ތަހުގީގްގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި ހާދިސާގެ ފައިނަލް ރިޕޯޓް އެކުލަވާލުމަށްކަމަށް އެ އޮފީހުން ބުނެފިއެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި އަނިޔާ ލިބުނުކަމަށް ބުނާ ބައެއް މީހުންނެވެ.

މި މައްސަލައާ ގުޅިގެން ތިނަދޫގައި ވަނީ އަޑުއެހުންތަކެއްވެސް ބާއްވާފައެވެ.

ޓީވީ ޕްރޮގްރާމެއްގައި މިކަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާތަނަށް ނެގި ބަޔާންތަކާއި، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންސާނީ ހައްގުތަކާއި ޚިލާފް ކަންތައްތަކާއި، އިތުރު އެހެން ބައެއްކަންކްވެސް ފާހަގަވެފައިވާކަމަށް އެ އޮފީހުން ބުނެއެވެ.

އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ މިހާރު މަސައްކަތް ކުރަނީ ތަހުގީގްގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި މިހާދިސާގެ ފައިނަލް ރިޕޯޓް އެކުލަވާލައި މައްސަލަ ނިންމުމަށްކަމަށެވެ.

މިމައްސަލައިގައި ތިނަދޫގައި އަޑުއެހުންތައް ބާއްވާފައިވާއިރު، އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ބަޔަކު ނެތުމުން މާލޭގައި ބޭއްވި އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފައެވެ.

އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލަ ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު