ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން އިސްލާހުކޮށް ގެޒެޓުކުރުމަށް މިނިސްޓްރީ އޮފް ޕްލޭނިންއަށް ފޮނުވުމުން އެ މިނިސްޓްރީން އެ ޤަވާއިދު ގެޒެޓުނުކޮށް ބާއްވާފައި އޮތުމަކީ ސަރުކާރުން ޤާނޫނާ ޚިލާފަށް ކުރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ހުޅުމާލޭ އިމާރާތްކުރުމާ ގުޅޭ ޤަވާއިދު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން އިސްލާހުކޮށް ގެޒެޓުކުރުމަށް މިނިސްޓްރީ އޮފް ޕްލޭނިންއަށް ފޮނުވުމުން އެ ގެޒެޓް ކޮށްފައިނުވާ މައްސަލައިގައި ވާހަަކަފުޅު ދައްކަވަމުންނެވެ. އެކަމާ ގުޅިގެން ޤަވާއިދު ކޮމިޓީން ވަނީ އެ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރާތާ ހަތް ދުވަހުގެ މުހުލަތުގެ ތެރޭގައި އެ ޤަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން މިނިސްޓްރީއަށް އަންގަން ފާސްކޮށްފައެވެ.

ގަވާއިދު ކޮމެޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ ހުށައަޅާފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޤާނޫނުގައި އަމަލުކުރަންވީ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، އެގޮތަށް އަމަލުކުރުން ނޫން ގޮތެއް ސަރުކާރަށް ނެތްކަމަށެވެ. އެފަދައިން އަމަލުނުކުރުމަކީ ސަރުކާރުން ޤާނޫނާ ޚިލާފުވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލީހަކީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކަށްވާއިރު ވަޒީރަކީ އެމްޑީޕީގެ ވަޒީރަކަށްވާތީ މެންބަރުންނާ ވާހަކަދައްކަވައިގެން ކަންކަން ކުރިއަށްގެންދެވުމުގެ ފުރުސަތު ވަޒީރަށްވެސް އެބައޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮތްކަމެއް ވަޒީރަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަކީ ރާއްޖޭގެ ގާނޫނު އަސާސީ ތަންދޭކަމެއް ނޫން ކަމަށެވެ.

ޤަވާއިދު ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވަނީ ހުޅުމާލޭ އިމާރާތްކުރުމާ ގުޅޭ އެ ގަވާއިދު ގެޒެޓުނުކޮށް ބޭއްވުމަކީ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރެވިދާނެކަމެއްކަމަށް ކޮމިޓީއަށް ނުފެންނަ ކަމަށެވެ. ކޮމިޓީން ފާސްކޮށް ގެޒެޓުކުރަން މިނިސްޓްރީއަށް ޤަވާއިދު ފޮނުވުމަށްފަހު، އެ ޤަވާއިދު ގެޒެޓުކުރަން މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހަށް ނުފޮނުވައި ބާއްވާފައި އޮތުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެއީ މަޖިލީހުގެ ކޮމިޓީތަކަށް ލިބިފައިވާ އިމްތިޔާޒުތަކާއި ބާރުތަަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށާއި އެ އަމަލަކީ އާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގައި ބަޔާންކުރާ އިޖުރާއާތުތަކާ ޚިލާފުކަމެއް ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު