މާޝަލް އާޓްސް ލެޖެންޑް ބްރޫސް ލީ މަރުވީ މާގިނައިން ފެން ބުއިމުގެ ސަބަބުން ކަމަށް ވެދާނެ ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.

ބްރޫސް ލީ މަރުވެފައިވަނީ 1973 ވަނަ އަހަރު، އޭނާގެ އުމުރުން 32 އަހަރުގައެވެ. އޭރުގެ އޮޓޯޕްސީ އިން ދެއްކީ އޭނާ މަރުވީ ސެރެބްރެލް އޮޑޭމާ، ނުވަތަ ސިކުނޑި ދުޅަވެގެން ކަމަށެވެ. އަދި އޮޓޯޕްސީ ރިޕޯޓުން ހާމަވާ ގޮތުގައި، އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބީ އޭނާއަށް ކެވުނު ބޭހަކުންނެވެ.

ނަމަވެސް ބައެއް މީހުން ދަނީ ބްރޫސް ލީގެ މަރާއި ޗައިނާގެ ގޭންގު ހަމަލާއަކާއިވެސް ގުޅުވަމުންނެވެ. އަނެއްބަޔަކު ބުނާ ގޮތުން އޭނާ މަރުވީ ހީޓްސްޓްރޯކެއްގެ ސަބަބުން ސިކުނޑިއަށް ލިބުނު ގެއްލުމަކުންނެވެ.

ސަބަބެއް ނެތި ދިގުދެމިގެންދާ މިބަހުސްގައި މިހާރުގެ ދިރާސާ ވެރިން ވަނީ، ބްރޫސް ލީ މަރުވިކަމަށް އޮޓޯޕްސީ ރިޕޯޓުން ދައްކާ ސެރެބްރެލް އޮޑޭމާއަކީ، ބޭހެއް ކައިގެން ކުރިމަތިވި ކަމެއް ނޫންކަމަށް ނިންމާފައެވެ. އަދި އެއީ ހައިޕޮނަޓްރީމިއާގެ ސަބަބުން ދިމާވި ކަމެއް ކަމަށް މިހާރު ދިރާސާވެރިން ވަނީ ބުނެފަ އެވެ.

"އެހެން ގޮތަކަށް ބުނާނަމަ، ކިޑްނީއަށް އިތުރުވި ފެން ބޭރު ނުކުރެވުމުގެ ސަބަބުން ބްރޫސް ލީ މަރުވި ކަމަށް ބެލެވޭ،" ދިރާސާވެރިންގެ ޓީމުން ކްލިނިކަލް ކިޑްނީ ޖާނަލްގައި ލިޔެފައިވެ އެވެ.

ދިރާސާ ވެރިން ބުނީ ބްރޫސް ލީ ގިނައިން ފެނާއި ދިޔާތަކެތި ބޮމުން ދިޔަ ކަމަށް ބައެއް ކަންތައްތަކުން ދޭހަވާ ކަމަށާއި، އޭގެ ތެރޭގައި އޭނާގެ އަންހެނުން ލިންޑާ ހާމަކޮށްފައިވާގޮތުން، ބްރޫސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެރެޓް އަދި އާފަލު ޖޫސް ހިމެނޭ ގޮތަށް ދިޔާތަކެތީގެ ޑައިޓެއް ބޭނުން ކޮށްފައެވެ. އަދި އޭނާގެ ބަޔޮގްރާފަރ، މެތިއު ޕޮލީ ހާމަކޮށްފައިވާގޮތުން، ބްރޫސް ލީ މަރުވި ދުވަހު ވަރަށް ގިނައިން ފެން ބުއި ކަމަށްވެއެވެ. އަދި ބްރޫސް ލީ އަކީ ކެނަބިސް ފަދަ މަސްތުވާއެއްޗެހި ބޭނުން ކުރުމާއި، ގިނައިން ރާބޮއެ ހެދި މީހެއްކަމަށްވެސް ކުރީގެ ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ބްރޫސް ލީ މަރުވީ ވަކިގޮތަކަށް ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށް. އެގޮތުން ހަށިގަނޑުގައި ފެން ހުންނަން ޖެހޭ މިންވަރަށް ގެނައުމަށް، ހަށިގަނޑުން ފެން ބޭރު ނުކުރެވުމުގެ ސަބަބުން ކަމަށް ބެލެވޭ،" ދިރާސާވެރިން ބުނެފައިވެއެވެ.



"މިކަމުގެ ސަބަބުން ހަށިގަނޑަށް ފެން އެތެރެވާ މިންވަރަށް ހަށިގަނޑުން އެފެން ބޭރުނުވާކަމުގައި ވާނަމަ، ހައިޕޮނެޓްރޭމިއާގެ ސަބަބުން ސެރެބްރަލް އޮޑޭމާ ތަހައްމަލުކޮށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މީހާގެ ފުރާނަ ގޮސްދާނެ." ދިރާސާގައި ބުނެފައި ވެއެވެ.

ދިރާސާ ވެރިން ބުނީ، އިންސާނާގެ ހަށިގަނޑަކީ 60 އިންސައްތަ ފެންކަމުގައިވިނަމަވެސް، ހަށިގަނޑަށް ފެން އެތެރެވާ މިންވަރަށް ކިޑްނީއިން އެފެން ބޭރުނުކުރާކަމުގައި ވާނަމަ، ފުރާނައަށް ނުރައްކާވެގެންދާނެކަމަށެވެ.

ލީ މަޝްހޫރުކޮށްދިނީ،، ބީ ވޯޓަރ މައި ފްރެންޑް' ނުވަތަ ފެނަކީ ރަހުމަތްތެރިއެއްގެ ގޮތުގައި ހަދަން ގޮވާލި ސްލޯގަނުންނެވެ. ނަމަވެސް އޭނާ މަރުވެގެން ދިޔައީ ފެނުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން