ރެހެންދި ސްކޫލުގައި މިމަހު ކުރިއަށްގެންދިޔަ ކެޑޭޓް ހަރަކާތުގެ ތެރެއިން ކުދިންގެ ކަރަމާތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް އެ ސްކޫލުން ބުނެފިއެވެ.

ރެހެންދި ސްކޫލުން މިކަން ހާމަކޮށް ބަޔާނެއް ނެރުނީ އެ ހަރަކާތާއި ގުޅުވައިގެން ބައެއް މީޑީއާތަކުން ފަތުރަމުންދާ ޚަބަރާއި ގުޅިގެނެވެ.

ރެހެންދި ސްކޫލުގެ ބަޔާނުގައި ބުނީ އެ ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތާއި ގުޅިގެން އެ ސްކޫލުގެ އެއްވެސް ބެލެނިވެރިއަކު މީޑިއާގައި ދައުރުވަމުންދާ ފަދަ ހާދިސާއެއް ރިޕޯޓްކޮށްފައި ނުވާކަމަށެވެ. އަދި މި ކެޑޭޓް ކޭމްޕު ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވެފައި ވަނީ ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްބިރުން އަދި އަންހެން ދަރިވަރުންނަށް އަންހެން މުދައްބިރުން ކަމަށެވެ.

މި ބަޔާނުގައި ކޭމްޕު ނިމިގެންދިޔައިރުވެސް އެއްވެސް ދަރިވަރެއްގެ ފަރާތުންވެސް އަދި ޓީޗަރެއްގެ ފަރާތުންވެސް މިފަދަ އެއްވެސް މައްސަލައެއްގެ ވާހަކަ ހިއްސާކޮށްފައި ނުވަމާކަމަށްވެސް އެ ސްކޫލުން މަޢުލޫމާތުދެއެވެ.

އެހެންކަމުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އެ ޚަބަރާގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި، މޯލްޑިވްސް ކެޑޭޓް ކޯރ އަދި ރެހެންދި ސްކޫލް ގުޅިގެން މިކަން އިތުރަށް ބެލިބެލުމުން ކެޑޭޓް ކޭމްޕާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައި ޝާޢިއުކޮށްފައިވާ ޚަބަރަކީ، އެ ޚަބަރުތަކުގައި ހާމަކޮށްފައިވާ ބީދައިން ކަންހިނގާފައިނުވާ، ޙަޤީޤަތެއްނެތް ވާހަކައެއްކަމަށް ރެހެންދި ސްކޫލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިމަހުގެ 10 އިން 12 އަށް ރެހެންދި ސްކޫލުގައި ކުރިއަށްގެންދިޔަ މި ކެޑޭޓް ކޭމްޕުގައި ޖުމްލަ 200 ކެޓޭޓް ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 78 އަންހެން ދަރިވަރުންނާއި، 122 ފިރިހެން ދަރިވަރުން ހިމެނެއެވެ.

ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ ސްކޫލުގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން ސްކޫލުގެ ނަމާއި، ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ފަތުރަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު