އިބްރާހިމް ފަހީމް   21 ނޮވެމްބަރު 2022 - 22:36
ރާއްޖޭގެ ދަނޑުވެރިން ހައްދާ ބާވަތްތައް އެއްރަށުން އަނެއްރަށަށް މާކެޓު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ތައާރަފުކުރާ އެގްރިބޯޓުތަކުގެ ދަތުރުތައް މިއަންނަ އަހަރު ފެށޭނެކަމަށް ދަނޑުވެރިކަމާގުޅޭ ވަޒީރު ޑރ. ޙުސެން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ޙުސެން ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހަކަމާއެކު ރަނގަޅު އަގުގައި މާކެޓު ކުރެވޭނެ ގޮތްތަކެއް ނެތުން ކަމަށެވެ.

އެކަން އެހެން ދިމާވަނީ އެކަށީގެންވާ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރެވިފައި ނެތުމުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދަނޑުވެރިން ހައްދާ ބާވަތްތައް މާކެޓު ކުރުމަށް ފޮނުވަނީ މާލެ ކަމަށާއި އަދި އެންމެ ރަނގަޅު އަގެއްގައި އެ ތަކެތި ވިއްކެން އޮންނަ ރިސޯޓުތަކަށް ވިއްކުމަށް އެ ރިސޯޓުތަކަށް ފޮނުވުމަށްވެސް އެ ތަކެތި ފުރަތަމަ ފޮނުވަންޖެހެނީ މާލެއަށް ކަމަށެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް، އެގްރޯނެޓުގެ ފަރާތުން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން 715 ދަނޑުވެރިންނާއިއެކު އެއްބަސްވުން ހަދައިގެން އެ ދަނޑުވެރިންގެ ތަކެތި އެގްރޯނެޓުން ގަންނަމުން ދާކަމަށާއި، ތަކެތި ވިއްކުމަށް 9 ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމު ކޮށްފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ. އިތުރު ދެ ރަށެއްގައި އެފަދަ ސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެނޫންވެސް އިންތިޒާމުތައް ހަމަޖައްސައިދެމުން ދާކަމަށާއި، އެގޮތުން އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި އެގްރިބޯޓުވެސް ތައާރަފު ކުރެވިގެން ދާނެކަމަށެވެ. އަދި އޭރުން ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއެކު އެކި ރަށްރަށަށް ފަސޭހަކަމާއެކު ފޮނުވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގްރިބޯޓު ތައާރަފު ކުރުމަކީ އެމްޑީޕީން ތައްޔާރުކުރި ޖަޒީރާ މެނިފެސްޓޯގެ މުހިންމު އެއްބައެވެ.



ކިޔުންތެރިންގެ ހިޔާލު