ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށްވެސް މިއަދު އެ ރަށްރަށުން ކަރަންޓުގެ ހިދުމަތް ލިބެމުންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް އޭރު ނުލިބޭކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރު އައިސް ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި މައިގަނޑު ތިން މަރުހަލާއެއްގެ މަސައްކަތްތަކެއް ކުރަން ފެށި ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި އެއް އިންޖީނު އަނެއް އިންޖީނަށް ސިންކް ވާގޮތަށް ގުޅުވާލުމުގެ މަސައްކަތް ކުރެވުނު ކަމަށާއި އޭގެ ސަބަބުން ވެސް ރަށްރަށުގެ ކަރަންޓުވިއުގަ ރަނގަޅުވެގެން ދިޔަކަމަށެވެ.

އެއަށްފަހު ދެވަނަ ކަމެއްގެ ގޮތުގައި ވިސްނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ކަމަށާއި އޭގެ ސަބަބުން ވެސް ރައްޔިތުންނަށް ދެމުންދިޔަ ކަރަންޓުގެ އިތުބާރު ބޮޑުވިކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ތިންވަނަކަމަކަށް ފެނަކައިން ފެށި މަސައްކަތަކީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރީހުރި ކުދިކުދި، ޖާގައިގެ ދަތިކަން ބޮޑު އިންޖީނުގެތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް އާ އިންޖީނުގެތަކެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި އާ އިންޖީނުގެތައް އަޅާ ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ މިހާރު ރައްޔިތުން ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވެސް ކަރަންޓުގެ ހިދުމަތް ލިބެމުންދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، އެކަންކަން ކާމިޔާބުކަމާއިއެކު ކުރެވުނީ، މިއަދުގެ ރައީސަކީ ރައްޔިތުންނަށް ދިމާވާ އެފަދަ ތަކުލީފުތަކުން އެ ރައްޔިތުން ސަލާމަތް ކުރުމަށް ވަރަށް އިހުލާސްތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރައްވާ އޯގާތެރި ވެރިއަކަށް ވީތީކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު