ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 459 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް 10 ނޮވެންބަރު 2022 ވަނަ ދުވަހު އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި, ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ. މިގޮތުން ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް - ހާރބަލްއަށް ވަނީ ޕޮޒިޓިވް ވެފައިކަމަށްވެސް ކަސްޓަމުން ބުނެއެވެ.

ކަސްޓަމުން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 459 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 367،000.00 (ތިންލައްކަ ފަސްދޮޅަސް ހަތްހާސް) ރުފިޔާއަށް އަރާކަމަށެވެ. މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 5 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 19.44 ކިލޯގެ ކެނެބިސް ހާރބަލް އަތުލައިގަނެވިފައިވާ ކަމަށް ކަސްޓަމުން ބުނެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައިކަމަށް ކަސްޓަމުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު