ދުނިޔެއަށް ދިމާވި އާލަމީވަބާ ކޮވިޑު19 ގެ ތެރޭގައި އެއްބައެއްގެ ދުއާއަކަށްވީ މިގައުމު ބަނގުރޫޓުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ފިނޭންސް މިނިސްޓަރު އަމީރު ދެއްވި ރައްދަކާއި ގުޅުވައިގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ރާއްޖޭގެ ރިޒާވްގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ދައުލަތުގެ ރިޒާވުގައި ބޭރުފައިސާ ހުރީ މަދުން ކަމަށެވެ. އަދި ފެނިވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް ހަފުތާ ތަކުގައި، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތިސް މަޖިލީހުގައި އެހެން ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށްބޮޑު އޮޅުވާލުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖެ ބަނގުރޫޓުވުންފަދަ ހާލަތަކަށް ދާއިރު އެކަން މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ލަދުވެތިވާނެ ކަމެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެވާހަކަ އެގޮތަށް ދައްކަނީ ދިމާވި ދަތި އުނދަގުލާއެކުވެސް ސަރުކާރުން ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރުގެ މި ވާހަކައަށް ތާއީދު ކުރައްވަމުން، ޝިފާއު މިއަދު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވި އާލަމީވަބާއެއްކަމަށްވާ ކޮވިޑު19 ގެ ހާލަތުގައި ވެސް އެއްބައެއްގެ ދުއާއަކަށްވީ މި ގައުމު ބަނގުރޫޓުވުން ކަމަށެވެ. އަދި ރާއްޖެ ބަނގުރޫޓު ނުވެގެން ބަޔަކު އެބަ އުޅޭ ކަމަށާއި އެހެންނަމަވެސް، ﷲގެ ހެޔޮ ރަހުމަތާއިއެކު ސަލާމަތުގެ އައްސޭރި ހޯދިފައިވާ ކަމަށާއި މި ސަރުކާރުގެ ދުރުވިސްނުމާއިއެކު ދެންވެސް ކުރިހޯދާނޭކަން ޔަގީން ކަމަށެ ޝިފާއު ވިދާޅުވިވެ.

ޝިފާއު މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގައި އޮތް ރައީސް ނަޝީދުގެ ފެކްޝަނުން، ސަރުކާރުގެ އަގު ވައްޓާލާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު ވެސް ޝިފާއު އިއްޔެ ވަނީ ކުރައްވާފައެވެ. ޝިފާއު ވިދާޅުވެފައިވަނީ، އެފަދަ ކޮންމެ މީހަކީ އެމްޑީޕީއަށް ގައްދާރެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު