ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއް ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގެ ރިޒާވާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ރާއްޖޭގެ ރިޒާވްގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ދައުލަތުގެ ރިޒާވުގައި ބޭރުފައިސާ ހުރީ މަދުން ކަމަށެވެ. އަދި ފެނިވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް ހަފުތާ ތަކުގައި، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތިސް މަޖިލީހުގައި އެހެން ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށްބޮޑު އޮޅުވާލުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތްކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާހަގަ ކުރަށްވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް ގަންނަ ވަރަށް ރިޒާވުގައި ފައިސާ ހުރިކަން ޔަގީން ކުރަށްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގައި ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. މީގެއިތުރުން އެވާހަކަ އެގޮތަށް ދައްކަނީ ދިމާވި ދަތި އުނދަގުލާއެކުވެސް ސަރުކާރުން ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

"މާތްالله ގެ އިރާދަފުޅާއެކު, ކޮވިޑުންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގައި ރާއްޖެ ހިމެނޭ. 2020 ވަނައަހަރު ކޮވިޑާއެކު އަޅުގަނޑުމެން ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ." އަމީރު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރަށްވަމުން އަމީރުވަނީ އެމަނިކުފާނުގެ މާލިމީކަމުގައި އެދަތިން (ކޮވިޑްގެ ދަތިން) ވެސް އަރައިގަނެވުނު ކަމާއި ނަމަވެސް ދަތިތަކާއި ގޮންޖެހުންތައް އަދިވެސް އެބަހުރިކަން ފާހަގަކުރަށްވާފައެވެ.

"ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން." އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ "ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެން މިދަނީ އެ ގޮންޖެހުންތައް ގިރާކުރަމުން" ކަމަށެވެ.

އެގޮތުން ރަޝިޔާ، ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުަމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ވެސް މިނިސް އަމީރު ވިދާޅުވިއެވެ.

"‏މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް. މާތްالله ގެ އިރާދަފުޅާއެކު, ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް." އަމީރު ވިދާޅުވިއެވެ.

ނަޝީދު މިއަދު ވެސް ވަނީ ކޮވިޑަށްފަހު އަވަށްޓެރި ސްރީލަންކާއަށް ދިމާވި ހާލަތާއި އެގައުމު ބަނގުރޫޓުވެފައިވާ ގޮތުން މިސާލު ނަންގަވައި ސަރުކާރުގެ ފިކުރާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނަޝީދުގެ އިތުރުން ދެފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ފާޅުގައި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ތާއީދު ނުކުރައްވާ ކަމަށް ވަރަށް ފާޅުކަންބޮޑުގޮތެއްގައި ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ. ރައީސް ނަޝީދުވެސް ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރެއްވެން ނެތް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު