ރާއްޖޭގެ މަސްވެރިންނަށް ދިމާވާ ގިނަ މައްސަލަތަކަށް އަންނަ އަހަރު ބޮޑު ހައްލެއް ލިބޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަސް ގަނޑުކޮށްގެން ތައިލޭންޑް ފަދަ ޤައުމުތަކަށް އެކްސްޕޯޓްކުރުމުން އެންމެ އެކަށީގެންވާ ފައިދާ ނުލިބޭކަމަށެވެ. އަދި ކުރަންޖެހޭ އެންމެ މުހިންމުކަމަކީ މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދާ އެއުފެއްދުންތައް ތަފާތު މާކެޓްތަކަށް އެކްސްޕޯޓުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއަކީ މިފްކޯގް މަސް ފެކްޓްރީތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ގިނަ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުން ބޭނުންވޭ ރާއްޖޭގައި ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގު މަސްވެރިންނަށް ލިބޭނެ ގޮތް ހަދަން. އެހެންކަމުން އެކަންކުރުމަށްތަކައި ކުރަންޖެހޭ އިންވެސްޓްމަންޓްތައް މިހާރުކުރަމުން މިދާނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޔޫރަޕުން ލިބެމުން ދިޔަ ޑިއުޓީ އިނާޔަތްތައް ހުއްޓާލުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އިނގިރޭސި ވިލާތާއިއެކު ފަންނީ އަދި ސިޔާސީ މަޝްވަރާތައް ކުރެވެމުންދާކަމަށެވެ. އަދި އިނގިރޭސިވިލާތާއިއެކު ވަރަށް އަވަހަށް އެއްބަސްވުމެއް ހެދިގެންދާނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު