ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ތާއީދުކުރަނިީ ރާއްޖޭގެ ތަރައްގީގެ ސްޕީޑް އަވަސްކުރަންކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މަޖިލީހުގައި ކުރިއަށްދާ ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ ބަހުސް މަރުހަލާގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓަށް ތާއީދު ނުކުރީ އެ ބަޖެޓުގައި ކާށިދޫ ދާއިރާއަށް މާބޮޑު ކަންތައްތަކެއް ނެތުމުންކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގައި ކާށިދޫ ދާއިރާއަށް ގިނަ ކަންތައްތަކެއް ބަޖެޓް ކޮށްފައިވާކަން ޖާބިރު ފާހަގަކުރެއްވިއެެވެ.

ޖާބިރު ވިދާޅުވީ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަން ވާނީ ރަނގަޅަށް އެނގި ތިބެ ކަމަށެވެ. އަދި ބަޖެޓް ސިޔާސީކޮށްގެން ވާހަކަ ދައްކައިގެންވެސް ނުވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

"ކާށިދޫ ބިން ހިއްކަން ޖަހާފައި އެބައޮތް. ގާފަރުގައި ބިން ހިއްކަން ޖަހާފައި އެބައޮތް އޮތް ކާށިދޫ މަގުތަކުގައި ގާ އަޅަން މިއޮތީ ނިންމާފައި. ކާށިދޫގައި ފެނާއި ނަރުދަމާ އަޅާ ނިމެނީ.ދެން ކިހިނެތްތޯ ބަޖެޓަށް ވޯޓް ނުދީ ސަލާމަތްވާނީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާގެ އިތުރުން، ރާއްޖެގެ ކޮންމެ ހިސާބަކަށް ބެލިނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހުރީ ހިންގަން ރާވާފައިކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސްކުރަމުންދާއިރު ބަޖެޓް ކޮމިޓީން ދިރާސާކޮށް ނިމުނުއިރު ބަޖެޓަށް ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާއާއި އަންނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް އިތުރުކުރި 124 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. ދަޢުލަތުން ހުށައަޅާފައިވާ 2023 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު