އަތޮޅުތަކުގެ ހުރިހާ ރަށެއްގައި އެއްފަހަރާ ޕްރޮޖެކްޓްތައް ހިންގުމަކީ އެންމެ ބިޔަ ޕްރޮޖެކްޓްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރީކޯ ވިދާޅުވީ، ކުރީ ސަރުކާރުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކަކީ މުހިންމު ޕްރޮޖެކްތަކެއް ކަމަށެވެ. އެގޮތުން ބުރިޖު އެޅުމާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމާއި، މައި ވައިގެ ބަނދަރަށް ގެނައި ތަރައްގީ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ރީކޯ ވިދާޅުވީ، އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔަނަމަވެސް، އަތޮޅުތެރޭގައި ދިރިއުޅޭ މީހުން ތިބީ އަސާސީ އެކި ހިދުމަތްތައް ނުފުދި ކަމަށެވެ.

އެގޮތުން ބަނދަރުފަދަ އަސާސީ ހިދުމަތްތައް ވެސް ނެތްކަމަށް އެ ރައްޔިތުން ބުނަމުންދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ރައީސް ޞާލިޙްގެ ސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ އެފަދަ ކަންކަން ފުރިހަމަ ކޮށްދެމުން ކަމަށާއި އެފަދަ އެންމެ ބިޔަ ޕްރޮޖެކްޓްތަކަކީ ރައްޔިތުންނަށް މަންފާއެއް ލިބޭ ކަންކަން ކަމަށް ރީކޯ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 800 މިލިއަން ޑޮލަރުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ކުރިއަށް ދާކަމަށް ރީކޯ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ރީކޯ ވިދާޅުވީ، ރައީސް ޞާލިޙް ގެނެސްދެއްވަމުން ގެންދަވާ ތަރައްގީގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަން ވަރަށް ބޮޑަށަ ފަސޭހަވެގެން ދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު