މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުުމުގެ ބަދަލު ހޯދައިދިނުމަށް މުއްސަނދި ގައުމުތަކުން މާލީ އެހީތެރިކަން ދިނުމަށް ހާއްސަ ފަންޑެއް އެކުލަވައިލަން ކޮޕް ސަމިޓުގެ ބައިވެރިން ނިންމުމުން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ފަހަރުގެ ކޮޕް ސަމިޓު ފެށުނުއިރުވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ މޫސުމީ މައްސަަލަތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާއި ގުޅޭގޮތުންނެވެ.

ކޮޕް ސަމިޓުގައި ބައިވެރިވި 200 ޤައުމަކުން ވަނީ "ލޮސް އެންޑް ޑެމޭޖް" ނުވަތަ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ ފަންޑު ޤާއިމްކުރުމަށް މިއަދު އެއްްބަސްވެފައެވެ.

މި ފަންޑަކީ މުއްސަނދި ގައުމުތަކުގެ ފެކްޓަރީތަކާއި އެ ނޫންވެސް ތަންތަނުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި އަދި ފަގީރު ގައުމުތަކަށް ލިބޭ ބޮޑެތި މޫސުމީ ގެއްލުންތަކުގެ ބަދަލު ހޯދަން އެކުލަވައިލާ ފަންޑެކެވެ.

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖެފަދަ ޤައުމުތަކަށް ތާރީހީ ކާމިޔާބީއެއްކަމަށެވެ. އަދި މިނިސްޓަރ ޝައުނާއަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



މި ފަންޑު ޤާއިމްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވީ މިއީ ރާއްޖެފަދަ މުސޫމީ މައްސަލަތަކުން ގެއްލުން ލިބޭ ޤައުމަކަށް ވަރަށް މުހިއްމު ފަންޑެއްކަމަށެވެ.



މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ފަންޑެއް ޤާއިމްކޮށްފައިވާއިރު، މިއީ އެމެރިކާ އާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކުން މިފަދަ ކަމަކަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

މި ފަންޑުން މާލީ އެހީ ލިބޭނީ ރާއްޖެފަދަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު