އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ބަލައި ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ޝުޖާއު އެ މަގާމުން ވަކިކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކުރީ މިމަހު ކުރީކޮޅުއެވެ. އަދި އެ ސްކޫލް ވަގުތީގޮތުން ހިންގެވުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދާ ވަނީ ހަވާލުކޮށްފައެވެ.

ޝުޖާއުގެ ފަރާތުން އެ މައްސަލަ ވަނީ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. އަދި ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ބަލައި ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އެ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ ފަދަ އަމުރެއް ނެރެދޭންވެސް ޝުޖާއު އެދުނެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ކުރެވެން ނެތް ކަމަށެވެ.

އަރަބިއްޔާގެ މައްސަލަތައް ބޮޑުވެފައިވާއިރު އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުން ޝުޖާއު ވަކިކުރުމުން ބެލެނިވެރިން ވަނީ މުޒާހަރާވެސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު