އެމްޑީޕީއަށް މުސްތަގުބަލެއް އޮތީ ބައިބައިނުވެ އެއްބައިވަންތަ ކަމާއެކު ޕާޓީ ދެމި އޮވެގެންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރީކޯ ވިދާޅުވީ، އެމްޑީޕި އެންމެ ހާލުގައި ޖެހުނު ދުވަހަކީ 7 ފެބްރުއަރީގައި ބަގާވާތަކުން ވެރިކަން ވައްޓާލި ދުވަސް ކަމަށާއި އެ ދުވަހު ރީކޯ ވެސް އިސްވެހުރެ ގިނަ މަސައްކަތްތަކެއް ޕާޓީއަށްޓަކައި ކޮށްދެވުނު ކަމަށެވެ. އަދި އެމްޑީޕީއަށް ވަރަށް ގިނަ ހިދުމަތްތައް ކޮށްދެވިފައިވާކަން ފާހަގަ ކުރައްވާ ރީކޯ ވިދާޅުވީ، އޭނާ ޕާޓީން ވަކިކުރީ ރަނގަޅަށް ނޫންކަން މިހާރު ޕާޓީގެ ގިނަ މެންބަރުން ވެސް ބުނަމުންދާ ކަމަށެވެ.

އަދި ސިޔާސީގޮތުން ދިމާވިގޮތުން ޕާޓީން ވަކިކުރުމުން، ޕީޕިއެމާއި ވެސް ގުޅެންޖެހުނީ ކަމަށާއި ނަމަވެސް، އެމްޑީޕީއަށް އަލުން އެނބުރި އައުމުން ނުރުހުންވާ ބަޔަކު ތިއްބެއްކަމަކު އޭނާއަށް ގިނަ ބައެއްގެ މަރުހަބާވެސް ލިބޭކަމަށެވެ.

ރީކޯ ވިދާޅުވީ، ވެރިކަމުގައި ޕާޓީއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ވެރިކަމަށް އައުމަށް އެކި ޕާޓީތަކުން ކުރާ ބުރަ މަސައްކަތަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުވެސް އެމްޑީޕީން ކާމިޔާބު ކުރަން ބޭނުންވާނަމަ، އެކަތިގަނޑެއްގެ ގޮތުގައި ޕާޓީގެ މެންބަރުން ތިބުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

"މިއަދުގެ މުހިންމު ބޭނުމަކަށް މިއޮތީ އަޅުގަނޑުމެންގެ ޕާޓީ އެއްބައިވަންތަ ވާން އެބަޖެހެއޭ. އެހެންނޫނީ އެމްޑީޕީއަކަށް ވެސް ވަކި މާބޮޑު މުސްތަގުބަލެއް ނެތް. އެހެން ޕާޓީތަކަށް ވީހެއް ފުނޑުފުނޑުވެގެން ދާނެ." ރީކޯ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށާއި، އެގޮތުން އަދި ރައީސް ނަޝީދާއިވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. ބައްދަލުކޮށް، ކިންގް މޭކަރެއްގެ ގޮތުގައި ހުންނަވަން ބޭނުންފުޅުވާނަމަ އެގޮތަށްވެސް ހުންނެވުމަށާއި ނަމަވެސް އެހެން ބަޔަކާއެކު މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާނެކަމަށް ރީކޯ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ރީކޯ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން "ނަގާނެ" ކަމަށެވެ.

ރީކޯ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މިދިޔަ ހަފްތާގައެވެ.



ކިޔުންތެރިންގެ ހިޔާލު