ރ.ހުޅުދުއްފާރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް އޮފިޝަލުންގެ ޓީމެއް ހުޅުދުއްފާރަށް ވަޑައިގެންފިއެވެ.

އާރުޑީސީން ބުނީ މި ދަތުރުގެ ތެރެއިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޓީމު މިއަދު ވަނީ ރ.ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާ ލައްވާފައިކަމަށެވެ. އަދި އެރަށުގައި ތިބި އާރުޑީސީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހޯއްދެއްވިކަށް އާރުޑީސީން ބުނެއެވެ.

ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުއަކީ، މަގު ހެދުމަށް އެރަށުގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫޢުއެވެ.



މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލްމަހުއެވެ. އަދި އަމަލީ މަސައްކަތް ވަނީ މިއަހަރު ފަށާފައެވެ.

ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަހައްދުގެ އިތުރުން ދެން ހަދާނީ ރަށުގައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި 5 މަގެވެ.

މި މަޝްރޫޢުގައި ދަށުން ހުޅުދުއްފާރުގައި ފެންހިންދާ ނިޒާމު ޤާއިމުކުރާނެއެވެ. އަދި މަގު ބައްތި ޖެހުންވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ ކާސްޓިން މަސައްކަތްތައް ރަށުގެ އާރްޑީސީ ސައިޓްގައި ފަށައިގެންދަނީ ކުރިއަށް ގެންދަމުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުދުއްފާރު މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 88.9 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު