ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތަޢާރަފްކޮށްފައިވާ ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިލިއަނަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ބައިވެރިވެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމަކީ ދުނިޔޭގައިވެސް ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. މިއީ މި 4 އަހަރުގެ ތެރޭގައި އިމިޤްރޭޝަނަށް ޙާސިލްކުރެވުނު ވަރަށް މުހިންމު ކަމަކަށްވާއިރު މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގައި 900000 ފަތުރުވެރިން ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް 9 ލައްކަ ފަތުރުވެރިން ބައިވެރިފައިވާއިރު މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑްއެވެ.

ބޯޑަރ މައިލްސްގެ އެންމެ މަތީ ދަރަޖައަށް ވާސިލްވުމުން މާމަހި އެގްޒެކެޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި އަދި ރެސްޓޯރަންޓްތަކުން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ވަނީ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު