ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެއް ކަމަށްވާ، އެންމެ ބޭނުންޖެހިފައިވާ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތުގެ ދަށުން ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓް އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އިއުލާނު ކުރެވޭވަރު ވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ނަމުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ދެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ބުޅުވާލީ މި އަހަރުގެ ތެރޭގައެވެ. އަދި އެ ޕްރޮގްރާމްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯތި އަދި ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރުގެ މެއިމަހާ ހިސާބަށް، މިހާރު ހުށަހަޅާފައިވާ ފަރާތްތައް ޝޯޓުލިސްޓުކޮށް ނިމޭނެ ކަމަށާއި އެ ހިސާބުގައި ގޯތި ލިބޭ ފަރާތްތައް ވެސް އެނގިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް ޗެކުކުރުމަށް ހާއްސަ ކޮމެޓީއެއް ރައީސް ޞާލިޙް އުފައްދަވާނެ ކަމަށާއި އެ ކޮމެޓީން މީހުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މާލޭ ރައްޔިތުންނަށް ހުޅުމާލޭން ދޫކުރާ ގޯތިތައް ދޫކުރާނެ ބިންތައް ވެސް މިހާރު ފާހަގަ ކުރެވިފައިވާކަމަށާއި ގުޅިފަޅުން ދޫކުރާ ގޯތިތައް ވެސް ކުރެހުމުގައި ފާހަގަ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް، އުންމީދު ކުރިގޮތަށް އަދިވެސް ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތް ނުފެށި އޮތްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން 3،000 ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 4،000 ފްލެޓް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު