ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

ސަރުކާރުން ވަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 2020 ވަނަ އަހަރުގެ ނޮވެންބަރުމަހުވެސް މި ލޯނު ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އަލުން ހުޅުވާލާފައިކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުން އެޕލިކޭޝަން ފޯމާއި ބޭނުވާ ލިޔެކިއުންތަކާއެކު އީމެއިލް ކުރުމަށް ފިނޭންސުން އެދިފައި ވެއެވެ.



މި ލޯނު ސްކީމްގެ ދަށުން 7 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. އަދި 6 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރާއިރު ލޯނު އަނބުރާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

އީއާއިބީ ކޯވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމައެއް ނުވާނެކަމަށްވެސް ފިނޭންސުން ބުނެއެވެ.

މި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު