ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ވަޒީރަށް އޮންނަ ގޮތަށް ގާނޫނުތައް އިސްލާހުކުރަން މިނިސްްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންްޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މަޖިލީހުގެ ކޮމިޓީއެއްގައި ހައުސިންގ މިނިސްްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ކޮމިޓީއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އުޅުނުއިރު މުވައްޒަފުން ރަނގަޅަށް މަސައްކަތް ނުކުރީމަ ވަޒީރަށް އެކަން ފާހަގަވީމަ އެމީހަކާއި ދޭތެރޭ ފިޔަވަޅު އެޅޭކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް ފިޔަވަޅު ނޭޅޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު މިސާލެއް ދަންނަވާފާނަން. މީގެ ދެހަފްތާއެއް ނޫނީ ހަފްތާއެއް ކުރިން، އަޅުގަނޑު އޮފީހަށް އަންނަނީ ބަޔަކު ލާފައި އޮތް ބިލެއް، ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅާ ގޮސްފި. އެމީހުން އަންނަނީ އަޅުގަނޑު ކައިރިއަށް ފައިސާ ނުލިބިގެން. އެކަމާއި ގުޅޭ އެންމެން ގެނެސްގެން މައުލޫމާތު ސާފުކުރީމަ ބުނީ ފިނޭންސްގައޭވީ. ބަލާލާއިރު ފިނޭންސަކަށް ނެތް ފޮނުވާފައެއް. ދެން އަޅުގަނޑު ގަބޫލުކުރީ އޮފީހުގެ ފިނޭންސް ޑިޕާޓްމަންޓްގައި އޮތީކަމަށް. އެންމެފަހުން ބަލަމުން ބަލަމުން ގޮސް، އެތާކުވެސް ނެތް. ބިލު ލީ ފަރާތުން މި ބުނަނީ މީތި މިއޮތީ ފޮނުވާފައޭ. އާހިރުގައި ގޮސް ޖެހުނު ހިސާބު އެނގޭތޯ؟ ޕްރޮޖެކްޓް ގެންގުޅޭ މީހާއަށް އީމެއިލް އިން އެ ލިބިފައި، އެ ބަލާފައި އޮތީ. ނަމަވެސް އެއްވެސް އަމަލެއް ނުކުރޭ. އަޅުގަނޑަށް ބާރެއް އޮންނަނަމަ އެ މީހާ އެ ވަގުތު ކަނޑާލާނަން." މިނިސްޓަރ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އޮފީހެއްގައި ހުންނަ މީހެއްގެ ސަބަބުން މިޒާތުގެ ކަންކަން ހިނގީމާ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނަކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ އެކަމާއި މެދު އަޅާނީ ކޮން ފިޔަވަޅެއްކަމެއް. މިބޭފުޅުން ނާޅުއްވާ ފިޔަވަޅެއް. އެކަމަކު ތިބޭފުޅުން ގެނެސް އަޅުގަނޑާާއި ސުވާލު ކުރައްވާނީ. ރައްޔިތުން އަޅުގަނޑާއި ސުވާލު ކުރާނީ. ސިވިލް ސަރވިސްއާ ސުވާލުކުރާ ރައްޔިތުންނެއް ނޯންނާނެ. އެކަމަކު އެ ބޭފުޅުންނަށް (މުވައްޒަފުންނަށް) ފިޔަވަޅު އެޅުމުގެ ބާރު އޮތީ މި ބޭފުޅުންނަށް (ސިވިލް ސަރވިސް) އަށް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ސިވިލް ސަރވަންޓުންގެ ތެރެއިން ރަނގަޅަށް މަސައްކަތް ނުކުރާ މީހުންނަށް ވަކި ހާލަތެއްގައި ވަޒީރަށް ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް އޮންނަ ގޮތަށް ގާނޫނު އިސްލާހުކޮށްދެއްވުމަށް ވިސްނެވުމަަށް މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެެވެ. އަދި އޭރުން ކަންކަން ހައްލުވެގެންދާނޭކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

"މި ހުރިހާ އެންމެން މައިތިރިވާނެ." އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު