ފީފާ ވޯލްޑް ކަޕުގެ "ބޯޅަ ފޯރި" ބެލުމަށް މާލެ ސަރަހައްދުގައި ބަހައްޓާ އެއްމެ ބޮޑު ސްކްރީން، ހުޅުމާލޭގައި ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗް.ޑީ.ސީއިން ބުނީ މިއަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލޭގައި ދެއްކުމުގެ ގޮތުން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި ހިޔާ ސަރަހައްދުގައި އެ ކޯޕަރޭޝަނުން ބަހައްޓާ ދެ ސްކްރީން ވެގެންދާނީ މާލެ ސަރަހައްދުގައި ބަހައްޓާނެ އެއްމެ ސައިޒުން ބޮޑު ދެ ސްކްރީނަށެވެ.

އެޗް.ޑީ.ސީއިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރީގައި އެއްތަނަކުން ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވާކަމެވެ. އެގޮތުން ސްޓެލްކޯގެ ފަރާތުން ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ލިބިފައިވާއިރު، ޕްރިންޓިންގ ޕާޓްނާގެ ގޮތުގައި ތިންކް، އަދި ބެވެރެޖް ޕާޓްނާރގެ ގޮތުގައި ކޮކާކޯލާގެ އިތުރުން ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ހިމެނޭ ވެލިގާއިން އެކިކަހަލަ ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެޗް.ޑީ.ސީއިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން، ބޯޅަ ފޯރީގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫހެވެ.

މިމަޝްރޫޢުގެ މަގުސަދަކީ ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެއްކަމުގައިވާ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ވޯލްޑް ކަޕް ބެލުގެ އިންތިޒާމް ކުރަން ނިންމީ ދިވެހިންނަށް ފޯރި ނަގަމުން މި މުބާރާތް ބަލާލެވި، އެކުވެރި މާހައުލެއްގައި ފުޓުބޯޅައިގެ އީދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.

އަދި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމަށްކަމަށް އެޗް.ޑީ.ސީއިން ހާމަކޮށްފައިވެއެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު