ސަރުކާރު ހިންގުމުގައި ޕާޓީއެއް އޮތުމަކީ ވަރަށްބޮޑު މަސްއޫލިއްޔަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަން ފާހަގަކުރަށްވައި ޑރ. ޝަހީމް ވިދާޅުވީ މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ތަންތަން ބަންދުކުރަން އަދާލަތު ޕާޓީން ބާރުއަޅަންޖެހޭކަމަށެވެ.



މާލޭގައި ހަށިވިއްކުމުގެވިޔަފާރި ހިންގާ ތަންތަން އިތުރުވެފައިވާކަން ފާހަގަ ކުރައްވާ ޝަހީމް މިރޭވިދާޅުވީ، އެފަދަ ތަންތަން ބަންދު ކުރުމަށް އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ކަމާބެހޭ އިދާރާތަކަށް ބާރުއަޅަންޖެހޭ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ޕާޓީއެއް އޮތުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީ އުފެއްދުމަށްފަހު އޭރުގެ ރައީސް، މައުމޫން ޢަބްދުލް ޤައްޔޫމާއިއެކު އެ ޕާޓީގެ ލީޑަރޝިޕް ބައްދަލު ކުރެއްވި ފޮޓޯއެއް ހިއްސާ ކުރައްވަމުން ޝަހީމް ވިދާޅުވީ، މިއަދު ހަނދާނަށް އަންނަނީ އަދާލަތު އުފެއްދުމަށްފަހު އޭރުގެ ރައީސާއެކު ބޭއްވުނު ބައްދަލުވުން ކަމަށެވެ.

އެގޮތުން، މާލޭގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރަން އެ ބައްދަލުވުމުގައި އެދިފައިވާނޭ ކަމަށާއި، އެ ބައްދަލުވުމަށްފަހު އޭރު އެފަދައިންހުރި ތަންތަން ބަންދު ކުރުމަށްފަހު ފިޔަވަޅު އެޅުއްވި ކަމަށެވެ.



ޝަހީމް މިފަދައިން ވިދާޅުވިއިރު، މާލޭގައި މަސާޖު ކުރުމުގެ ނަމުގައި އެފަދަ ގިނަ ތަންތަން ހިންގާކަން މިފަހުންވަނީ ހާމަވެފައެވެ. އެފަދަތަންތަނުން އެ ހިދުމަތް ދޭކަން މީސްމީޑިއާގައިވެސް ފާޅުކަން ބޮޑުގޮތެއްގައި އަންނަނީ އިސްތިހާރު ކުރަމުންނެވެ.

ނަމަވެސް، މި ތަންތަން ބަންދު ކުރުމަށް އަދާލަތުން އެއްވެސް ވަރަކަށް މަސައްކަތް ކުރިކަމެއް އެ ޕާޓީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު