ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވުމަށް ވިއްކެވި މެނިފެސްޓޯގައި ނެތްނަމަވެސް، ކޮވިޑު19 ގެ އާލަމީ ވަބާއިން އަރައިގަތުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނެފިއެވެ.

މި ވެރިކަމަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު މިއީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން ކަށަވަރު ކޮށްދޭ ހައްގުތަކާ އޭގެ އަގުތައް ދިވެހިރާއްޖެއިން ގެއްލެމުން ދިޔަ ރިޔާސީ ދައުރަކަށް ފަހު އައި ރައީސް ޞާލިޙްގެ ވެރިކަމަށް ހަތަރު އަހަރު ފުރުން ދުވަސްކަމަށެވެ.

އެހެންކަމުން ދުވަހުގެ ތަހްނިޔާ ރައީސުލްޖުމްހޫރިއްޔާއަށާ އެމްޑީޕީގެ މެންބަރުންނަށާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ވަނީ ފޮނުވާފައެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނީ 2018 ގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތަ ކާމިޔާބު ކުރެވޭ މަރުހަލާއަށް މި 4 އަހަރުން ވާސިލު ވެވުނީ ހުރިހާ ރަށަކާ އެންމެހާ ރައްޔިތުންނަށް ހަމަހަމަ 4 އަހަރުގެ ގޮތުގައިކަން އެ ޕާޓީން ފާހަގަ ކުރާކަމަށެވެ.

އަދި މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ހާސިލު ކުރި އެންމެ ބޮޑުކާމިޔާބީއަކީ ކޮވިޑުގެ އާލަމީ ބަލިމަޑުކަމުން އަރައިގަތުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ވެގެން ދިޔަ ބޮޑު ކާމިޔާބީ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ތަފާތު ގޮންޖެހުންތަކާ ހައްސާސް ހާލަތްތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ތަކުގެ މަޝްރޫއުތައް ހަމަހަމަ ކަމާއެކު މި 4 އަހަރު ރަށްތަކުގައި ހިންގުނު ކަމަށާއި އެގޮތުން، ކަރަންޓާ މަގާ ބަނދަރާ އުމްރާނީ ވަސީލަތްތަކާ ސިއްހީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދެވުނު ކަމަށް ބަޔާނުގައި ވެއެވެ.

އަދި ހުނަރާ ތަމްރީނާ ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތައުލީމީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ރައީސް ޞާލިޙްގެ ސަރުކާރުން ގެނެސްދެއްވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު