މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ބިދޭސީންގެ ތެރޭގައި ހިމެނޭ އިންޑިއާއަށް ނިސްބަތްވާ މީހުންގެ ހަށިތައް އެ ގައުމަށް ފޮނުވާލައިފިއެވެ.

ހާދިސާގައި މަރުވި މީހުންގެ ހަށިތައް މުޅިން އަނދާފައި ވުމުން އެ މީހުންގެ ޖިންސު ވަކިކުރަން ދަތިވެގެން އުޅޭކަމަށް ފުލުހުން މީގެ ކުރިން އޮތީ ބުނެފައެވެ. ނަމަވެސް، މިމަހު 14 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ، އެ މީހުންގެ ހަށިތައް ގައުމަށް ގެންދަން ބޭނުންވެގެން އާއިލާއިން އެކަމަށް އެދިއްޖެނަމަ އެކަން ކޮށްދެވޭނެކަމަށް އާއިލާތަކަށް އަންގާފައިވާނޭ ކަމަށެވެ. އެގޮތުން، އިންޑިއާއަށް ނިސްބަތްވާ މީހުންގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފައެވެ.

މިއީ މިހާތަނަށް މިފަހުން ރާއްޖޭގައި އަލިފާނުގެ ހާދިސާއެއްގައި އެއްފަހަރާ އެންމެ ގިނަ ބަޔަކު މަރުވި ހާދިސާއެވެ.



ކިޔުންތެރިންގެ ހިޔާލު