ޅ. އަތޮޅުގައި އާރްޓީއެލް ސްޕީޑް ފެރީގެ ޓެސްޓު ދަތުރުތައް ފެށުން އެމްޓީސީސީން ފަސްކޮށްފިއެވެ.

އާރްޓީއެލްގެ ފެރީގެ ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ޅ. އަތޮޅުގައި ޚިދުމަތް ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން ކުރިން ރާވާފައި އޮތީ މިއަދު ޅ. އަތޮޅުގައި ޓެސްޓު ދަތުރުތައް ފެށުމަށެވެ. ނަމަވެސް އެމް.ޓީ.ސީ.ސީން ބުނީ ޅ. އަތޮޅުގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ އާރްޓީއެލް ސްޕީޑް ފެރީ ޚިދުމަތުގެ ޓެސްޓު ދަތުރުތައް ފެށުން އަންނަ ހަފްތާއަށް ފަސްކޮށްފައިވާކަމަށެވެ.

މިމަހުގެ 17 އިން 20 އަށް ކަސްޓަމަރުންނާއެކު ޓެސްޓު ދަތުރުކުރަން ރާވާފައިވީނަމަވެސް އެމް.ޓީ.ސީ.ސީން މިހާރުވަނީ އެ މުއްދަތު ފަސްކޮށްފައެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެމްޓީސީސީން ބުނީ ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމާއެކު މިމަހުގެ 17 އިން 20 އަށް ކަސްޓަމަރުންނާއި ނުލައި، ޓެކްނިކަލް ޓެސްޓު ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިކަމަށެވެ. އަދި ކަސްޓަމަރުންނާއެކު ޓެސްޓު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން 27 އަށްކަމަށް އެކުންފުނިން ބުނެއެވެ.

އާރުޓީއެލްގެ ދަށުން ޓެސްްޓް ދަތުރުތައް ބާއްވާއިރު އެ ދަތުރުތައް ކުރަނީ ހިލެއެވެ.

ޅ. އަތޮޅަށް ފަހު ދެން އެންމެ އަވަހަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދަނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖެ މި ނިޒާމުގެ ދަށުން ގުޅާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު