އަހުމަދު މަސްނޫމް   17 ނޮވެމްބަރު 2022 - 8:29
ރާއްޖޭގެ އާބާދީ ކުޑަ ކުދި ރަށްރަށައް ބަގީ އެމްބިއުލާންސް ތަކެއް ގެންނަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ބަގީ އެމްބިއުލާންސް ތަކެއް ގެންނަން ނިންމީ އެސްޓީއޯ އާއި ހަވާލުކޮށްގެން ރާއްޖެއަށް މިހާރު ގެނެސްފައިވާ އެމްބިއުލާންސްތައް ކުދި ރަށްރަށަށް ބޭނުންނުކުރެވޭތީ ކަމަށެެވެ. އެހެންކަމުން ޗައިނާއިން 25 ބަގީ އެމްބިއުލާންސް ގެންނަން މިހާރު އޯޑަރުކޮށްފައިވާ ކަމަށާއި އެތަކެތި ވަރަށް އަވަހަށް ލިބޭނެ ކަމަަށް ނަސީމް ވިދާޅުވިއެެވެ.

"މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ގައި ބަގީ އެމްބިއުލާންސް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ، ޗައިނާގެ ގުރާންޓް އެސިސްޓެންޓް ވެސް އެބަލިބޭ، އޭގެ ތެރެއިން ވެސް މިއެއްޗެހި ގެނެވިދާނެ. ކޮންމެވެސް ކަހަލަ ސްޓަރަކްޗަރަލް ދަށުން އަޅުގަނޑުމެން ގެންނާނަން،" ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ ބަގީ އެމްބިއުލާންސްތައް ލިބުމުން ކުދި ރަށްރަށައް އެމްބިއުލާންސްތައް ފޮނުވާނެ ކަމަށެވެ. އަދި އެފަދަ ރަށްރަށް އެމްބިއުލާންސް ލިބުމުގައި ބާކީ ނުކުރާނެ ކަމަށް ނަސީމް ވިދާޅުވިއެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ، އާބާދީ ކުޑަ ކުދި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކަކީ ފަސްޓް އެއިޑް މަރުކަޒުތަކެއް ކަމަށާއި އެތަންތަނުން ހުރިހާ ޚިދުމަތެއް ނުދެވޭ ކަމަށެވެ. ބަގީ އެމްބިއުލާންސްތައް ގެންނަނީ އެފަދަ ރަށްތަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފޮނުވާ އެމްބިއުލާންސް ރަށުތެރޭގައި ނުދުއްވިގެން ވެސް އުދަނގޫ ތަކެއް ނުވާނެ، ބަގީ އެމްބިއުލާންސްގައި ވެސް ހުންނާނެ ފަރުވާ ދެވޭގޮތަށް އެކަމަކު އެތި ކުޑަވެފައި ރަށުތެރޭގައި ދުއްވަން ތަންކޮޅެއް ފަސޭހަވާނެ،" ނަސީމް ވިދާޅުވިއެެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްޓީއޯ އާއެވެެ. އެ ޕްރޮޖެކްޓް ނިންމައި، 96 އެމްބިއުލާންސް ރާއްޖެ ގެނެސް އެތަކެތި މިހާރު ވަނީ ރާއްޖޭގެ ރަށްރަށަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު