ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދެކޮޅަށް މަސައްކަތްކުރާ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުންނާއެކު ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަސައްކަތްކުރާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

ރައީސް ނަޝީދުގެ ފެކްޝަނާއެކު މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ފެކްޝަނާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ. އަދި އެމްޑީޕީއާއެކު ކުރާނެ މާ ބޮޑު މަސައްކަތެއް ދުވަހަކުވެސް ނޯންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެމްޑީޕީއާއެކު އަޅުގަނޑުމެން ކުރާނެ މާ ބޮޑު މަސައްކަތެއް ދުވަހަކު ވެސް ނޯންނާނެ، އެ ގޮތުގެ މަތީގައި އެކަން އޮންނާނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް ނަޝީދު ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން އާދަމް ޝަރީފް ވިދާޅުވީ ނަޝީދު މަޖިލިސް ހިންގަވާ ގޮތް ފެށުނީއްސުރެވެސް ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހަށް ތާއިދު ކުރައްވާ މެމްބަރަކު ރިޔާސަތަށް ވަޑައިގެންފި ނަމަ މާ ގޯސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި މިއަދު ވޯޓަށް އެހި ޖީއެސްޓީއާއި ޓީޖީއެސްޓީ ބިލަށް އިދިކޮޅު މެމްބަރުން ވޯޓް ނުދެއްވާއިރު، އެމްޑީޕީގެ ބައެއް މެމްބަރުންވެސް އެ ބިލާއި ދެކޮޅަށް ވަނީ ވޯޓް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު