ޓެކްސް ބޮޑުކުރަން ފާސްކުރުމަކީ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ އިތުރު ބާރެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރު ވަނީ ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައިކަމަށެވެ. އަދި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް އަމީރު ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސް ރޭޓް މަޖްލިހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރަކަށްކަމަށެވެ.

ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ އިޞްލާހާއި ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަމަޖިލީހުން ފާސްކުރީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށެވެ. މިބަދަލާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު