ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިތުރު ދައުރަކަށް އިންތިހާބުކުރަން ރައްޔިތުން ބޭނުންވާކަން ވަރަށް ސާފުކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިއެރުމާއި، ލާބައާއި މަންފާ އޮތީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކޮށްގެން ކަމަށެވެ. އަދި ކުރިން އޮތް ސަރުކާރަކީ ވަށައިގެން "ފަންފުޅަފެއް ޖަހާލައިގެން ފިލާތިބެ" މަސައްކަތް ކުރި ބައެއް ކަމަށާއި، އެ ސަރުކާރަށް ބޭރު މީހަކާއި ބައްދަލުކޮށްލަން ނުކެރޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ބޭރު މީހަކާއި ބައްދަލުކޮށްފިއްޔާ ވެސް އެވަނީ އެމީހަކަށް ވިކުނީ ކަމަށް. އެހާވެސް ނަފްސުގެ މައްޗަށް އިތުބާރު ނެތް ބޭފުޅުން އެއިރު ތިއްބެވީ." މިނިސްޓަރ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި މި ސަރުކާރުން ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ދުނިޔެއާއި ގުޅުން ބަދަހިކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާކަމަށެވެ. އަދި އެ ސަބަބުތަކަށްޓަކައިވެސް ރައީސް ސާލިހު އިތުރު ދައުރަކަށް ވެރިކަމަށް އިންތިހާބުކުރަން ރައްޔިތުން ތާއީދުކުރާކަން ސާފުކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި ސަރުކާރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިތުރު ދައުރަކަށް އިންތިހާބުކުރަން ދިވެހި ރައްޔިތުން ބޭނުންވާކަން އެއީ މާސާފުކޮށް އެނގެން އޮތް ހަގީގަތެއް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މީގެކުރިންވެސް ރައީސް ސާލިހު އިތުރު ދައުރަކަށް އިންތިހާބުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސާލިހު އިތުރު ދައުރަކަށް ވާދަކުރެއްވުމަށް ތާއީދުކުރައްވާކަންވެސް ޝާހިދު ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން