ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވޭތުވެދިޔަ 4 އަހަރު ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގެ ސަބަބުން 3.4 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ރާއްޖެއަށް ލިބިފައިވާކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހާރިޖީ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 10 ޤައުމަކަށް ވަޑައިގެން މުހިއްމު މަޝްވަރާތަކެއް ބޭއްވެވިކަމަށެވެ. އެގޮތުން ކުރެއްވި މަޝްވަރާތަކާއެކު މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެހީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ލިބިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއިން 2.7 ބިލިއަން ޑޮލަރު، ޖަޕާނުން 113 މިލިއަން ޑޮލަރު، ޔޫއޭއީ 55 މިލިއަން ޑޮލަރު، ސައުދީ އަރަބިއްޔާއިން 50 މިލިއަން ޑޮލަރު، އެމެރިކާއިން 28 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ.



"އެމެރިކާއިން ކުރިން ލިބެމުން އައީ އެންމެ މިލިއަނެއް. އީޔޫއިން 132 މިލިއަން، އިންޑިއާއިން ދީފައިވާ އެހީތެރިކަމުގެ ތެރެއިން 170 މިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗަކީ ހިލޭ އެހީ. 16.54 މިލިއަން ޑޮލަރުގެ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް އެސިސްޓެންސް ޕްރޮޖެކްޓްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހިންގާ އިންޑިޔާގެ ފަރާތުން. ބްރިޖު މި އަޅަނީ 900 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދަށުން ގިނަ މަސައްކަތްތަކެއް ކުރެވި، ފެށިގެން އެބަދޭ. އައްޑޫ މަގުހެދުން. ގުޅީފަޅުގައި ޕޯޓް ތަރައްޤީ ކުރުން. މިފްކޯ ތަރައްގީކުރުން. ފެލިވަރު އަދި ގެމަނަފުށީ މަސް ޕްލާންޓް. ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުން. 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ހިނގަމުން އެދަނީ. އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް، ލ.އަތޮޅުގައި ކެންސަރ ހޮސްޕިޓަލެއް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުޅިވަރާއި ގުޅޭގޮތުން 40 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި އަދި އަސްކަރީ ދާއިރާގެ ތަރައްގީއަށް 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ލިބިފައިވާކަމަށެވެ.

ޝާހިދު ވިދާޅުވީ މިކަންކަން ފަހިވެގެން މިދަނީ ރައީސުލްޖުމްހުރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ ސަބަބުންކަމަށެވެ. އަދި މިއީ ހަރުދަނާ ގޮތެއްގައި ހާރިޖީ ސިޔާސަތު ތަންފީޒުވެގެން ދިޔައީމާ ލިބެމުންދާ އެހީތަކެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން