ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެއްބަސްވެވަޑައިނުގެންނެވިކަން ހާމަވެއްޖެއެވެ.

އުސޫލުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދަވާތީއާއި ސަރުކާރަށް ދަތި ކުރުމަށް ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ކުރައްވާތީ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވަނީ އެދިވަޑައިގެންފައެވެ.

މިކަން ހާމަވީ، މިއަދު މަޖިލީހުގައި ހިނގި ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙަށް ތާއީދުކުރާ މެންބަރުން ނުރުހުންވެ، ރައީސް ޞާލިޙާ ބައްދަލު ކުރަށްވައި ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ދެއްކެވި ވާހަކަތަކުންނެވެ.

ޝަރީފް ވިދާޅުވީ، ކުރިންވެސް ޕެޓިޝަނެއް ހަދައިގެން ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން މަސައްކަތްކުރީ، ބައެއް މެންބަރުންނަށް މަލާމާތް ކުރުމާއި އެކި ގޮތްގޮތުން ދަތި ކުރުމާއި ތަކުރާރުކޮށް ގަވާއިދާއި ހިލާފަށް މަޖިލިސް ކުރިއަށް ގެންދަވާތީކަމަށެވެ. ނަމަވެސް ރައީސް ޞާލިޙް އޭރުވެސް ވަނީ އެކަން މަޑުޖައްސާލުމަށް އެދިވަޑައިގެންފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރުވެސް ނަޝީދު ވަކިކުރަން ބޭނުންވާ 44 ސޮއި އެބައޮތް ކަމަށާއި އޭރުވެސް އެކަން މަޑުޖައްސާލީ ޕާޓީގެ އެތެރޭގެ މަސްލަހަތަށް ވިސްނަވާފައި ރައީސް ޞާލިޙު ކަމަށެވެ. އަދި އެދުވަހު ރައީސް ޞާލިޙް، އެ މަސައްކަތް މަޑުޖައްސަވާލައްވަން އެދިވަޑައިގެން ނަމަވެސް، މިއަދު ރައީސް އަރިހަށް ވަޑައިގެންނެވީ އަނެއްކާވެސް ކެއްތެރިކަން ކޮޅުންލައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް މިއަދުވެސް ރައީސް ވިދާޅުވީ، އެކަން ހައްލު ކުރެވޭނެ ގޮތެއް އެބަ ވިސްނަވަމުން ގެންދަވާ ކަމަށާއި ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި އަދިވެސް އެ މައްސަލަ މަޑުޖައްސާލާފައި ބޭއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ވަރަށް ކެތްތެރިކަމާއެކު ވަރަށް މަޑުމައިތިރިކަމާއެކު އަޅުގަނޑުމެންނަށް ވިސްނައިދިން. އަޅުގަނޑުމެން އެންމެ މެންބަރުންވެސް ވިދާޅުވި ރައީސް ވިދާޅުވެގެންނޭ އަޅުގަނޑުމެން އިތުބާރުނެތްކަމަށް ދެ ބޭފުޅުންނަށްވެސް ނުނަގާ މިތިބީ، އެހެންވީމަ މިކަމަށް ހުއްދަ ދެއްވާށޭ. ހުއްދައެއް ނުދެއްވި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި މައްސަލާގައި އަދިވެސް ރައީސާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެގޮތުން މިރޭ އިތުރު ބައްދަލުވުމެއް ރައީސް ޞާލިޙާއިއެކު އޮންނާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން