ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގަވައިދާ ހިލާފަށް އަމަލު ކުރައްވަމުންދާ ކަމަށް ބުނެ، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރުމަށް މުލީއާގެއަށް ވަޑައިގެންފިއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް ވޯޓަށް ނާހައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މަޖިލިސް ނިންމަވާލައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ޖަލްސާތައް ހިންގަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕްގެ ބައެއް މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލު ކުރައްވަން ވަޑައިގެން ބޭއްވި ބައްދަލުވުން ކުރިއަށް ގެންދެވީ މުލީއާގޭގައެވެ.

އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ބައްދަލުކުރެއްވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކޮށްދިނުމުގެ މައްސަލަ ހުށައެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެެއްވުމަށް ކަމަށެވެ. އެހެން ނަމަވެސް ރައީސް އެ ހުއްދަ ނުދެެއްވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިރޭ 9 ޖަހާއިރު ރައީސާއެކު އެމައްސަލައިގައި މަޝްވަރާ ކުރުމަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރާނެގޮތެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ލަސް ކުރި ނަމަވެސް ބަޖެޓަށް ވޯޓް ނާހައި މި ދައުރު ނިންމާނުލެވޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރަން ބޭނުންވާ 44 މެމްބަރުންގެ ސޮއި ލިބޭނެ ކަމަށެެވެ. އެހެން ނަަމަވެސް އެމައްސަލަ މަޖިިލީހަށް ހުށަނާޅައި މަޑުޖައްސާލައިފައިވަނީ ރަައީސްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަދިވެސް އަޅުގަނޑުމެންނަށް ރައީސް ނަސޭހަތްތެރިވެވަޑަައިގަތީ މަޑުކޮށްލަށްވާށޭ، ކެތްތެރިވާށޭ، ތި ދުވަސް ވެސް އަންނާނެއޭ. އިހަށް އިތުބާރު ނެތްކަމުގެ ވޯޓްލުމުގެ ކަންތައް ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި އިހަށް ބާއްވާލާށޭ. އަޅުގަނޑުމެން އެވާހަކަ ގަބޫލުކޮށްގެން މިއައީ." ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން