ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމުމަށް ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ރިޔާސަތުން ނިންމާލައިފި އެވެ.

މަޖިލީހުގެ ކޯރަމް ހަމަ ނުވާ ކަމަށް ބުނެ ޓެކްސް ބިލަށް ވޯޓަށް ނާހައި އިއްޔެ ވެސް މަޖިލީހުގެ ޖަލްސާ ރިޔާސަތުން ވަނީ ނިއްމާލާފައެވެ. މަޖިލީހުގެ ރިޔާސަތުގައި އިއްޔެ އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެެވެ.

އެއީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ރިޔާސަތުން ކުރެެއްވި ކަމެެއް ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ އެކަމާއި ދެކޮޅަށް އިހުތިޖާޖްކޮށްފައެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރިޔާސަތުން އަމަލުކުރީ ގަވާއިދާއި އެެއްގޮތަށް ކަމަށް ވިދާޅުވެ އެ ނިންމުން ދިފާއު ކުރަށްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލުން އެ މައްސަލާގައި ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ވޯޓަށް އެހުން ކުރިޔަށް ދިޔައިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވޯޓަށް އެއްސެވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައެވެ.

މިއަދުގެ ވޯޓު ވަގުތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ވަނީ އެދުވަހެއްގެ މަސައްކަތުގައި ނިމިފައިވާ ކަމަކަށް ވޯޓަށް އެހުން ކަމަށެވެ. އެގޮތުން މިއަދު ނިމިފައިއޮތް މަސައްކަތަކީ ޗާގޯސް މައްސަލައިގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެކްސް ބިލާ ގުޅޭ ގޮތުން ވޯޓަށް ނާހައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާ ނިންމާލިކަން އިއުލާންކުރަށްވާފައެވެ.

ޓެކްސް ބޮޑުކުރުމުގެ އިސްލާހަށް ވޯޓަށް ނާހައި މިއަދުގެ ޖަލްސާ ނިއްމާލިއިރު އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ މިއަދު އެ ބިލަށް ވޯޓަށް އަހާނެ ކަމަށް ވިދާޅުވެފައެެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެެވެ. އެހެން ނަމަވެސް އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސް ކުރަންޖެހޭނެއެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވަނީ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ކުރުމަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން