ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މ. އަތޮޅުގައި ތަރައްޤީކުރާ އެއަރޕޯޓާއެކު، އެ އަތޮޅުން ފަތުރުވެރިކަމަށް އެތައް ހާސް އެނދަކާއި އެތައް ސަތޭކަ ވަޒީފާއެއް އިތުރުވެގެންދާނެކަމަށް އެ ދާއިރާ ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެފައި ނެތުންކަމަށާއި މުލީގައި ތަރައްޤީކުރާ މީމު އެއަރޕޯޓަކީ އަތޮޅުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާގުޅިފައިވާ ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ. އެހެންކަމުން މީމު އެއަރޕޯޓާއެކު އިންވެސްޓަރުންގެ ޝަޢުގު މ. އަތޮޅުގެ ރަށްތަކަށް އިތުރުވެ، ފަތުރުވެރިކަން ފުޅާވެގެންދާނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ކުރިއަށްއޮތް އަހަރުތަކުގެތެރޭގައި ފަތުރުވެރިކަމަށް އެ އަތޮޅުން އިތުރު 10000 އެނދު ނެރުމަކީ އަމާޒެއްކަމަށެވެ.

"އަޅުގަނޑު ބޭނުން ކުރިއަށްމިއޮތް އަހަރުތަކުގައި ވީހާވެސް އަވަހަކަށް ގާތްގަނޑަކަށް 10،000 އެނދު ތަރައްޤީވެގެން އައުން. މިހާރު މިއޮތީ އަލަށް ހުޅުވާ ރިސޯޓާއެކު ގާތްގަނޑަކަށް އެންމެ ގިނަވެގެންވެސް 700 އެއްހާ އެނދު. އެކި ރަށްރަށުގައި އެބަހުރި ގެސްޓްހައުސްތައް، އެހެންނަމަވެސް އެންމެ އެދެވޭގޮތަކަށް ނެތް. އެއަރޕޯޓު އެންމެ ރަނގަޅަށް ބޭނުންކުރެވޭނީވެސް މިމަގުން މިތަން ތަރައްޤީވެގެން." އިކްރާމް ވިދާޅުވިއެވެ.

މ. އަތޮޅުން ފަތުރުވެރިކަމަށް ރިސޯޓްތައް ތަރައްޤީކުރުމަށް 12 ރަށެއް ދޫކޮށްފައިވާއިރު، މިވަގުތު އެއަތޮޅުގައި ހިންގަމުންދަނީ އެންމެ 2 ރިސޯޓެވެ. އެއީ މ. ހަކުރާހުރާ ހިންގާ ސިނަމަން ހަކުރާހުރާ މޯލްޑިވްސްއާއި، މ. މެދުފުށި ގައި ހިންގާ މެދުފުށި އައިލެންޑް ރިސޯޓެވެ.

މީމު އެއަރޕޯޓް މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓުގައި 1200 ފޫޓު ދިގު، 30 ފޫޓު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކާ 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.

މީމު އެއަރޕޯޓުގެ މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން