އިގްތިސާދީ ގޮންޖެހުމުން އަރައިގަތުމުގައި ދެކުނު އޭޝިޔާގެ ޗެމްޕިއަންކަން ރާއްޖެ ހޯދާފައިވާ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ އިގްތިސާދީ ގޮންޖެހުމުން އަރައިގަތުމުގައި ދެކުނު އޭޝިޔާގެ ޗެމްޕިއަންކަން ރާއްޖެ ހޯދާފައިވާ ކަމަަށެވެ. ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުން އަރައިގަނެވުނީ ރައީސް ސާލިޙުގެ ހިކުމަތްތެރިކަމާއި ކުޅަދާނަ ކަމާއި އެމަނިކުފާނުގެ މަސައްކަތްޕުޅުން ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވަނީ އެއީ ސަރުކާރުން ހޯދި ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް ސިފަ ކުރަށްވާފައެވެ. އަދި އެ ކާމިޔާބީ ފޮރުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށް ތަފާތު އެކި ވާހަކަތައް ފަތުރަމުންދާ ކަމަށް ސައުދު ވިދާޅުވިއެވެ.

"ރާއްޖެއަށް ބޮޑެތި އިންގިލާބީ ބަދަލުތައް މިއަންނަނީ، މިއަދު ފާއިތުވެ ދިޔަ 60 އަހަރުގެ ތެރޭގައި މިގައުމުގެ ވެރިކަން ކުރި ކީއްވެތޯ މިކަންކަން ހާސިލްނުވެ ހުރީ. ހަމަ ރައްޔިތުންގެ އަތުން ޓެކްސް ނަގާ ޓެކްސް ފައިސާއިން ކީއްވެތޯ ފެނާ ނަރުދަމާ ނުނިމުނީ؟ ކީއްވެތޯ ބަނދަރުތައް ނުނިމުނީ؟ އެހެންވީމަ މިއަދު ބްރިޖަކީ ވެސް އެއްޗަކަށްނުވޭ. ކޮންކްރީޓަކީ ވެސް އެއްޗަކަށް ނުވޭ. އަޅުގަނޑުމެން މިދައްކާ ވާހަކައާއި އަމަލާއި ބަހެއް ދިމަލެއް ނުވޭ،" ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސައުދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ސަރުކާރު ހިންގަން ލިބުނު ފުރުސަތުގައި ގައުމަށް ގައްދާރުވެފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބުމުން ދައުލަތުގެ ޚަޒާނާއިން ކުރީ "ވައްކަން" ކަމަަށާއި، ރައްޔިތުންނަށް ކުރީ އަނިޔާ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް ސާލިޙުގެ ސަރުކާރުގައި ރާއްޖެއަކީ ޑިމޮކްރަސީއާއި އެއްގޮތަށް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުން މިނިވަންކަމާއި އެކީގައި އުޅޭ ގައުމެއް ކަމަށެވެ. ދިވެހި ދައުލަތް މިއަދު ދުނިޔެއަށް ނަން މަޝްހޫރު ވެފައިވަނީ ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި ކަމަށް ސައުދު ވިދާޅުވިއެެވެ.

"މިއަދު ދިވެހި ދައުލަތް މުޅި ދުނިޔެއަށް ނަން މަޝްހޫރުވެފައިވަނީ ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި، އިގްތިސާދު މެނޭޖް ކުރުމުގެ ޗެމްޕިއަންގެ ގޮތުގައި. ކޮވިޑް މެނޭޖް ކުރިކަމުގެ ޗެމްޕިއަންގެ ގޮތުގައި. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ދިވެހި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަަށް ގެންގޮސްދޭނަން." ސައުދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން