ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިއްޔެ ނިންމާލީ ގަވައިދާ ހިލާފަށް ނޫން ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑު ކުރުމުގެ އިސްލާހު އިއްޔެގެ ޖަލްސާގައި ފާސްކުރަން މެމްބަރުންގެ ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށް އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވަނީ "ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވާ" ކަމަށް ވިދާޅުވެ ކުއްލިއަކަށް މަޖިލިސް ނިންމާލިކަން އިއުލާންކޮށްފައެެވެ. ރިޔާސަތުން އެގޮތަށް އަމަލުކުރީ ގަވާއިދާ ހިލާފަށް ކަމަަށް މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާ ނިންމަން އޮތީ އެންމެ ގޮތެއް ކަމަށެވެ. އެއީ ހަމްދު ކިޔުމަށް ފަހު "މަޖިލިސް ނިމުނީ" އޭ ރިޔާސަތުން ވިދާޅުވެ ޖަލްސާ ނިންމައިލިކަން އިއުލާން ކުރެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބަހުސް ނިމުމަށް ފަހު ވޯޓަށް އެހުމަށް ތިން ވަނަ ކިޔުން ކިޔާނެ ކަމަށެވެ. އިއްޔެ ތިން ވަނަ ކިޔުން ނުކިޔާތީ ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ ނިންމުން ގަވައިދާ ހިލާފު ކަމަށް މެމްބަރުންނަށް އޮޅިވަޑައިގެންފައި ވާތީވެ މި ދަންނަވާލީ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، އިއްޔެ މަޖިލީހުގެ ރިޔާސަތު ބެލެހެެއްޓެވި އަފީފު ތިން ގޯހެއް ހެއްދެވި ކަމަށެވެ. އެއްކަމަކީ ކޯރަމް ހަމައަށް އޮއްވައި ކޯރަމް ނެތް ކަމަށް ވިދާޅުވުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފުގެ ނިޒާމީ ނުކުތާއަށް ޖަވާބު ނުދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ޝަރީފު މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގަތް މަންޒަރު ފެނިވަޑައިގަތް ކަމަށެވެ. އެކަމަކީ ގަވައިދާ އުސޫލުތަކާއި އަދި ހުރިހާ ހަމަތަކާ ވެސް ހިލާފަށް ކުރެއްވި ކަމެއް ކަމަށާއި އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ އިތުރު ކުރުމަށް ސަރުކާރުން ފޮނުވާފައިވާ އިސްލާހު އޮތްގޮތަށް ފާސްކުރުމަށް މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އެ މައްސަލާގައި ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ކޮމިޓީ މަރުހަލާގައި ހުށަހެޅުއްވި އިސްލާހުތައް ވެސް ވަނީ ބޭރުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން