ރެހެންދި ސްކޫލްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓްގެ މައްސަލަ ހައްލު ވަންދެން އެ ސްކޫލްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

ރެހެންދި ސްކޫލުން ބުނީ ސްކޫލްގެ ކަރަންޓް ވިއުގާއަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ލިބުނު ގެއްލުންތައް މުޅިން ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެކަމަށް ލަފާކުރަނީ އަންނަ އާދިއްތަ ދުވަހުކަމަށް އެ ސްކޫލުން ބުނެއެވެ.

ރެހެންދި ސްކޫލުން ބުނީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިޔުމަށްޓަކައި މިއަދުން ފެށިގެން އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިޔުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި އޮންލައިންކޮށް ކިޔަވައިދިނުމަށްޓަކައި ގޫގުލްމީޓް މެދުވެރިކޮށް ކްލާސްތައް ނެގުމާއި ވައިބަރ މެދުވެރިކޮށް ދަރިވަރުންނަށް މަސައްކަތްތައް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1 ދަރިވަރުންނަށް ހެނދުނު 9:00 އިން 11:00 ހަމައަށެވެ. ގްރޭޑް 2 އިން 6 ގެ ދަރިވަރުންނަށް ކްލާސްތައް ކުރިއަށްގެންދާނީ މެންދުރު 1:00 އިން 5:00 އަށެވެ. އަދި ގްރޭޑް 7އިން 10 ގެ ދަރިވަރުންނަށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 9:00 އައި ދެމެދުގައެވެ. އެލްކޭޖީ ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށެވެ.

ހުޅުމާލެ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އެ ސްކޫލްގެ 4އަދި 5ވަނަ ފަންގިފިލާގައި ހުރި ކަރަންޓު ޕެނަލް ބޯޑެއްގައި ރޯވެގެންނެވެ. ނަމަވެސް މި ހާދިސާގައި މާބޮޑު ގެއްލުންތަކެއް ނުލިބެނީސް އަލިފާން ވަނީ ނިއްވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން