އަތޮޅުތެރޭގެ ރަށްރަށުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، ޑްރަގް އެންފޯސްމަންޓާއި އަތޮޅުތެރޭގެ ޔުނިޓްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަކެވެ. އެގޮތުން ރައްޔިތުންނާއި ކައުންސިލްތަކާއި، މާލޭގެ ހެޑްކުއާޓަރުން ގުޅިގެން ކުރި މަސައްކަތުން ގއ. ގެމަނަފުށީގައި ފުލުހުން ހިންގި ކާމިޔާބު ޕްރޮގްރާމްގެ ވާހަކަ ސީޕީ ފާހަގަ ކުރެއްވިއެވެ.

ސީޕީ ވިދާޅުވީ އެ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވުނު މަސައްކަތުން އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ހުރަސް އެޅުމާއި އަދި އެކަމަށް ދެވިހިފާފައިވާ ފަރާތްތަކުން އެއާއި ދުރަށް ދިއުމަށް މަސައްކަތްތަކެއް ކޮށްދެވިފައިވާކަމަށެވެ.

އަދި އެ މޮޑެލްއަށް އެހެން ރަށްރަށުގައި ވެސް އެފަދަ މަސައްކަތްތަކެއް ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، ރަށްރަށުގެ ސްކޫލްތަކާއި ގުޅިގެންވެސް ފުލުހުން ދަނީ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން ރަށްރަށުގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށްޓަކައި ހާހަކަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ތަމްރީނު ކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން