އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ، އަނިޔާދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ އެކަން ތަހުގީގު ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާއަށް އަނިޔާދިނުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެ ޕާޓީގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ. އެމްޑީޕީން ބުނީ މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށެވެ.

އެމްޑީޕީން ނެރުނު މި ބަޔާނުގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަން އިޚްތިރާމާއެކު މުޢާމަލާތް ކުރުމަށާއި، އެވާދަވެރިކަމުގެ ތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާ ގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑީޕީން މިފަދަ ބަޔާނެެއް ނެރެފައިވާއިރު އެޕާޓީގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ފުރައްސާރަކޮށް އިންޒާރުވެސް ދެމުން އަންނަކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން